މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކެއް ހުއްޓުވުމަށް ފުލުހުން ފެށި "އޮޕަރޭޝަން އަލިމަގު" ގައި 10 ތަނެއް ބަލައި ފާސްކޮށް 4 މީހަކު ހައްޔަރު ކޮށްފި އެވެ. 

ފުލުހުން ބުނީ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި އާދީއްތަ ދުވަހު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ. 

އާދިއްތަ ދުވަހު ފުލުހުން ބުނީ، ރާއްޖޭ އަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވަރކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅުމަށް ފުލުހުން ފަށާފައިވާ ''އޮޕަރޭޝަން އަލިމަގު'' ގެ ދަށުން ޚާއްސަ މަސައްކަތްތަކެއް އާދިއްތަ ދުވަހުގެ ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދު ގައި ކުރިއަށް ގެންދާ ކަމަށެވެ.

މި އޮޕަރޭޝަނަކީ ގއ.އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަމާޒު ކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސް ކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިގެންސްއާއި ޑްރަގް އެންފޯސްމަންޓު ވިންގު ގުޅިގެންނެވެ.

އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތް ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި އޮޕަރޭޝަންއާ ގުޅޭގޮތުން މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ފުލުހުން ހާމަ ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި އޮޕަރޭޝަންގައި 193 މީހުން ހައްޔަރުކޮށް 30 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެނެފަ އެވެ. އަދި އެ މައްސަލައިގައި ހައްޔަރުކުރި 34 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަތައް ފޮނުވާފައިވެ އެވެ.

މީގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވިދާޅުވީ މި އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމަށާއި، ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އޮޕަރޭޝަނަކީ ހަ މަސް ދުވަހުގެ ދިގު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގާ ބޮޑު އޮޕަރޭޝަނެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މި އޮޕަރޭޝަން ފަށާފައިވަނީ 13 ނޮވެންބަރު 2025 ގަ އެވެ.