ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދު ވަކިކޮށްފި އެވެ.

ޝަމާހު ސްޓެލްކޯގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު، އޭރު އެ މަގާމުގައި ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށް ފަހު އެވެ. 

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނީ ސްޓެލްކޯގެ އެމްޑީގެ މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން ޝަމާހް ވަކިކޮށްފައިވާ ކަމަށެވެ.

ޝަމާހްއަކީ 2024 ވަނަ އަހަރު މިފްކޯގެ ސީއީއޯ ކަމުން ވެސް ވަކިކުރި ބޭފުޅެކެވެ. އޭނާ އެ މަގާމުން ވަކިކުރީ މެއި 21، 2024 ގަ އެވެ. ޝަމާހު މަގާމުން ވަކިކުރުމުގެ ކުރިން، ކޯޕަރޭޓް ގަވަރނަންސްއާ ގުޅޭ މައްސަލަތަކެއް ގައި އޭނާ ދެ ފަހަރެއްގެ މަތިން ސަސްޕެންޑުކުރި އެވެ. އެއަށްފަހު ސްޓެލްކޯގެ އެމްޑީ ކަމަށް އައްޔަން ކުރިތާ 4 މަސްތެރޭގައި ވަކި ކުރި އިރު އެ މަގާމަށް އައްޔަންކުރަނީ ކާކުކަމެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ.

މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަން ފުރަތަމަ ކުރެއްވީ ހުސައިން ފަހުމީއެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ ސެޕްޓެމްބަރު، ހަތްވަނަ ދުވަހެވެ. ޖެހިގެން އައި ދުވަހު އޭނާއަށް ސަރުކާރުން ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގެ މަގާމެއް ދެއްވައިފަ އެވެ.