ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ އާދީއްތަ ދުވަހު ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހަފްތާ އާދިއްތަ ދުވަހު ހައްޔަރު ކުރި ދެ ޒުވާނުންނަކީ ޅ. ނައިފަރު، ފަލަކް، 27 އަހަރުގެ ޝާއިން ޢަލީ އާއި އއ. ފެރިދޫ، އިޙްރާމްގެ، އުމުރުން 20 އަހަރުގެ އާއިޝަތު މާޝާ އަޙްމަދެވެ. އެ ދެމީހުން ގެ ބަންދަށް މިދިޔަ ހޯމަ ދުވަހު އިތުރު ކުރީ ފަސް ދުވަހެވެ.

މި އޮޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާއިރު އެއެޕާޓްމަންޓުން 3 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. އަދި ދެ ޒުވާނުން ހައްޔަރުކުރި ތަން ކުއްޔަށް ހިފާފައިވަނީ މައްސަލާގައި ހައްޔަރުކުރި އަންހެންމީހާގެ ނަމުގައިކަން ވަނީ އެނގިފަ އެވެ. 

އޭގެގެ އިތުރުން އެ ދެމީހުން ތިބި ތަނުން ހާމައަށް ބަހައްޓާފައިހުރި މަސްތުވާތަކެތި ފެންނަން ހުރިކަން އެނގޭ ކަމަށާއި މަސްތުވާތަކެތި ފެނުނު ތަނުން މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ އާލާތްތައްވެސް ފެނިފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.

އަދި މި މައްސަލާގައި ހައްޔަރުކުރި ފިރިހެން މީހާ އަކީ ކުށުގެ ރިކޯޑް އޮތް ފަރާތެއްކަން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.