ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފަށާފައިވާ އެހެން ނަމަވެސް މި ސަރުކާރުން އެ މަޝްރޫއުތަކަށް ހުރަސްއަޅައި ހުއްޓުވާފައިވާ މަޝްރޫއުތަކުގެ ލިސްޓެއް އެ ސިޓީ ގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ. 

މިދިއަ ބުރާސްފަތި ދުވަހު ރައީސް ވަނީ ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. 

އެކަމަށް ރައްދުދެއްވައި ރާއްޖެއެމްވީ އާ ވާހަކަ ދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ ރައީސް އެހެން ވިދާޅުވާން ޖެހިވަޑައިގަންނަވާ އޮންނާނީ 3 ސަބަބު ކަމަށެވެ. އެއީ ޚުދު ރައީސަށް ވެސް އެމަނިކުފާނުގެ ބާރުތައް ނޭނގުން ނުވަތަ ވަޒީރުން ރައީސްއަށް ނުބައި
މައުލޫމާތު އެރުވުން ނުވަތަ ހުރިހާ ހަގީގަތެއް އެނގިހުރެ
ރައްޔިތުންނަށް އޮޅުވާލުން ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ. 

އާތިފް ވިދާޅުވީ ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކާ ހުރެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އެއްވެސް ރަށެއްގެ ކައުންސިލަކުން އެރަށަކަށް އަންނަ ތަރައްގީ ހުއްޓުވާނެ ކަމަކަށް ގަބޫލު ނުކުރެވޭ ކަމަށެވެ. 

އޭގެ ބަދަލުގައި ރައީސް މުއިއްޒުގެ ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތްތަކަށް ހުރަސް އަޅައި، ހުއްޓުވާކަން ވަރަށް ސާފު ކޮށް، ކިތާބީ ހެއްކާއެކު ފެންނަން އެބަހުރި ކަމަށް މޭޔަރު ވިދާޅުވި އެވެ. 

މިސާލެއްގެ ގޮތުން ކުޅުދުއްފުށި ސިޓީގައި އެ ސިޓީ ކައުންސިލުން ރިއަލްއެސްޓޭޓް މޮޑެލްއަށް އަޅަން ނިންމި 150 ހައުސިން ޔުނިޓްގެ މަސައްކަތް މި ސަރުކާރުން ހުއްދަ ނުދިނުމުގެ ސަބަބުން ބީލަމަށް ހުޅުވާނުލެވިފައިވާ ކަން މޭޔަރު އާތިފް ފާހަގަ ކުރެއްވި އެވެ. އަދި އޮޑި ހަރުގެ އެޅުމަށާއި އެހެނިހެން އިގްތިސާދީ މަސައްކަތަށް ބިން ދޫކުރުން ހުއްޓިފައިވާ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

މޭޔަރު ވިދާޅުވީ ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ބީލަންތައް ލިބިފައިވަނިކޮށް އެ މަސައްކަތް ވެސް ސަރުކާރުން ހުއްޓުވާފައިވާއިރު ކައުންސިލް ކުންފުނިން ޕްލޭ ސްކޫލް ގެ ޚިދުމަތް ފަށަން ތައްޔާރީތައް ވަމުންދަނިކޮށް ގާނޫނުން އެކަން ވެސް ހުއްޓުވާފައިވާ ކަމަށެވެ. އޭގެ އިތުރުން  ސިޓީ ކައުންސިލްގެ ސިޓިޒެން މޮނިޓަރިންގ ޔުނިޓް، މަނަސް ހަބް އަދި ސިޓީ ލޭންޑްސްކޭޕިންގ އަށް ބޭނުންވާ މުވައްޒަފުން ނެގުން މި ސަރުކާރުން ހުއްޓުވާފައިވާއިރު މިސްކިތު ޓްރަސްޓް ފަންޑެއް ހެދުމަށް ކުރި މަސައްކަތް ވެސް ހުއްޓުވާފައިވާ ކަމަށް އާތިފް ވިދާޅުވި އެވެ. 

މި ހުރިހާ ކަމަކީ ވެސް ކައުންސިލުން ކުރަން ހުރި އެހެން ނަމަވެސް މުއިއްޒު ސަރުކާރުން ހުއްޓުވާފައިވާ ކަންކަން ކަމަށާ އެހެން ނަމަވެސް ސަރުކާރުން ހިންގަން ބޭނުންވާ ބައެއް ތަރައްގީގެ މަޝްރޫއުތައް ނުފެށި ލަސްވަނީ ކައުންސިލްތަކާ ހުރެ ކަމަށް ބުނުމުން އެ ވާހަކަ ހަމަ ނުޖެހޭ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ވެސް ގެނަސްފަ އެވެ.