ކައުންސިލު ގެ އިހުތިސާސް ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއް ގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ މަޝްރޫއު އެއް ނުވަތަ ކަމެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނައި ނަމަވެސް ރަށްރަށުގެ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށް ވިދާޅުވެ ރައްޔިތުންނަށް އޮޅުވާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް މަސައްކަތް ކުރައްވައިފި އެވެ. 

ކައުންސިލްތަކުގެ އިހްތިސާސު ގައި ހިމެނޭ ބިމެއް ނުވަތަ ތަނެއްގައި އެ ކައުންސިލެއްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން ބަދަލު ގެނަސްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގަ އެވެ. 

އެ ގާނޫނަށް ސަރުކާރުން ގެނަސްފައިވާ އިސްލާހުގައި ވާ ގޮތުން "އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި" ކަމަކަށް ކައުންސިލުން ހުއްދަ ނުދީފި ނަމަ، އެ ހާލަތުގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީގެ ދަށުން ހިންގާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ހުއްދައާ އެކު އެ މަޝްރޫއު އެއް ނުވަތަ ހަރަކާތެއްގެ މަސައްކަތް އިދާރީ ދާއިރާތަކުގައި ކުރިއަށް ގެންދިއުމުގެ ބާރު ސަރުކާރަށް ލިބިގެންވެ އެވެ.

ނަމަވެސް ބުރާސްފަތި ދުވަހު ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ސަރުކާރުން ރަށްތަކުގައި ހިންގަން މިހާރު ވެސް ސޮއިކޮށްފައިވާ ބައެއް މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކާ ހުރެ ކަމަށެވެ. 

ރައީސް މުއިއްޒު ވިދާޅުވީ އެކި ރަށްރަށު ގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިނގާގޮތް ބަލަމުންދާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި މީގެ ތިން މަސް ކުރިން ސޮއި ކޮށްފައި ހުރި މަޝްރޫއުތައް ވެސް ފަށައި ނުގަނެވިގެން އުޅެނީ ކައުންސިލުން އެ މަޝްރޫއު ހިންގަން ހަމަ ޖެހިފައިވާ ބިން ހަވާލު ނުކޮށްގެން ކަމަށެވެ. 

ބޭނުން ވަނީ ކައުންސިލް އިންތިޚާބަށް ފަހު ދެން ބާކީ އޮތް މުއްދަތުގައި އެތައް މަޝްރޫއު އެއް ބާރު ސްޕީޑުގަ ހިންގަން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަން ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދީގެން ކަން ފާހަގަ ކުރައްވި އެވެ.. 

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް ގާނޫނުގައި ވާ ގޮތުން ކައުންސިލުން ހުއްދަ ދިންކަމުގައި ނުވިޔަސް ސަރުކާރުން ބޭނުންވާ މަޝްރޫއުއެއް ނުވަތަ ހަރަކާތެެއް ރަށްރަށުގައި ހިންގުމުގެ ބާރު ސަރުކާރަށް ގާނޫނުން ލިބިދެ އެވެ. އެހެން ކަމުން ކައުންސިލް ގޮނޑިތައް ނުލިބިއްޖެ ނަމަ ރަށްރަށުގައި މަޝްރޫއުތައް ނުހިންގޭނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާ ރައީސް އަނެއްކާ ވެސް މަސައްކަތް ކުރެއްވީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.