އައު ޕޭފްރޭމް ވަރކް އާއި ގުޅިގެން ސިއްހީ ހިދުމަތްތެރިންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ނޭޝަނަލް ޕޭކޮމިޝަން އަށް ސިޓި އެއް ފޮނުވައިފި އެވެ. 

މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން އިން ބުނީ، އެ ޔޫނިއަން ފެޑެރޭޝަންގެ މެންބަރު ޞިއްޙީ ޚިދުމަތްތެރިން ހިމެނޭގޮތަށް ޞިއްޙީ ދާއިރާގެ އިދާރީ އަދި ސަޕޯޓު ގިންތީގެ މަސައްކަތްތެރިން ދައުލަތުގެ އައު ޕޭ ފްރޭމް ވަރކް އަށް 01 ނޮވެންބަރު 2025 ގައި ހިޖުރަކުރި އިރު ފާހަގަކިރެވިފައިވާ ކަންބޮޑުވުންތަކާއި އެކަންކަމަށް ހުށަހަޅާ ހައްލުތައް އެ ފެޑެރޭޝަން ގެ ފަރާތުން ނޭޝަނަލް ޕޭ ކޮމިޝަނަށް 04 ޖަނަވަރީ 2026 ގައި ސިޓީއަކުން ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ނޭޝަނަލް ޕޭ ކޮމިޝަނަށް ހުށަހެޅި ހައްލުތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާގެ ސަޕޯޓު ގިންތީގެ މަސައްކަތްތެރިންގެ މަސައްކަތުގެ ތަޖުރިބާ އަށް ބިނާކޮށް މި ވީހާތަނަށް އެއްވެސް ޕްރޮމޯޝަނެއް ދީފައި ނުވާއިރު، އެކަމަށް ރިޢާޔަތްކުރުމެއް ނެތި ސަޕޯޓު ގިންތީގެ މަސައްކަތްތެރިން ރޭންކު 1 އަށް ހިޖުރަކޮށްފައިވާތީ، މަސައްކަތު ތަޖުރިބާއިން ރޭންކު 2 އަކަށް ޝަރުތުހަމަވާ މަސައްކަތްތެރިން އެ ރޭންކަށް ބަދަލުކޮށްދިނުމަށް ވަނީ ހުށަހަޅާފަ އެވެ. 

އަދި ޞިއްޙީ ދާއިރާގެ ފަންނީ މަސައްކަތްތެރިންނެކޭ އެއްފަދައިން ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަށް ވެސް ނައިޓް ޝިފްޓު ޑިއުޓީ އަދާކުރަންޖެހޭތީ، އެ މަސައްކަތްތެރިންނަށް ނައިޓް ޝިފްޓު އެލަވަންސް ހަމަޖައްސައިދިނުމަށް ވެސް ވަނީ ހުށަހަޅާފަ އެވެ. 

އޭގެއިތުރުން އެ ޔޫނިއަން އިން ބުނީ، ޞިއްޙީ ދާއިރާގެ ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަކީ ބައެއް ފަހަރު ޑަބަލް ޑިއުޓީ ވެސް އަދާކުރަން ޖެހޭ މަސައްކަތްތެރިން ކަމުގައި ވާތީ، ޑިއުޓީ ގަޑި 8 ގަޑިިއިރަށް ވުރެ އިތުރުވާ ހާލަތްތަކުގައި ދެވޭ އިނާޔަތް، ސަޕޯޓު ގިންތީގެ މަސައްކަތްތެރިންނަށް ހަމަޖައްސައިދިނުމަށް ވާނީ ދަންނަވާފައި ކަމަށެވެ.

އަލަށް ގެނައި ބަދަލާއި އެކު ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑު ކުރި ނަމަވެސް, އެ ކަމުގެ ފައިދާ ބައެއް މުވައްޒަފުންނަކަށް ނުލިބެ އެވެ. އޯޓީ އަށް ގެނައި ބަދަލާއި އެކު ކުރިއަށް ވުރެ މުވައްޒަފުން ގެއަށް ގެންދިއުމަށް ލިބޭ މުސާރަ ކުޑަ ވާނެ ކަމަށް މުވައްޒަފުން ފާހަގަކުރެ އެވެ. އިތުރު ވަގުތު މަސައްކަތް ކުރުވުމަށް ފަހު މުދައްރިސުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް އިތުރު ގަޑީގެ ފައިސާ ނުދޭތީ މުވައްޒަފުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.