ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި މާރާމާރި ހިންގި ބިދޭސީންތަކަކަށް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ. 

ބިދޭސީން ތަކެއް މާރާމާރީ ހިންގާ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާއި ގުޅިގެން ރާއްޖެ އެމްވީ އިން ފުލުހުންގެ މީޑިއާއަށް ގުޅުމުން ބުނީ، އެފަދަ މައްސަލައެއް ހުކުރު ދުވަހުގެ ރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެމީހުންގެ މައުލޫމާތު ސާފުކޮށް ނަސޭހަތް ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ގެ މީޑިއާ އިން ބުންޏެވެ. 

އޭގެ އިތުރުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓެކްސީ ކިއު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ޒުވާބުކޮށް ހަމަނުޖެހުން ހިންގާ ކަމުގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ 12:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. 

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީއަކު އެތަނުގައި ހުރި އެހެން މީހެއްގެ ގައިގަ ފައިން ޖަހާ މަންޒަރު ފެނެ އެވެ. އަދި އެވަގުތު އެއަރޕޯޓު ސެކިއުރިޓި އިން އެމީހުން ހުއްޓުވަން މަސައްކަތް ކުރާ މަންޒަރުވެސް ފެނެ އެވެ. ފުލުހުން މިކަމާގުޅިގެން ބުނީ ބިދޭސީންތަކެއްގެ މެދުގައި އެފަދަ ކަމެއް ކޮށްފައިވާކަން އެނގިފައި ނުވާކަމަށާއި އެހެން ނަމަވެސް އެމީހުން ޒުވާބުކޮށް މާރާމާރީ ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި މާރާމާރި މިދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ.