ބަނގުރާ ބޭނުންކޮށް ގެންގުޅެ ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ސަފާރީއަކަށް ފުލުހުން އަރައި، ސަފާރީގެ ދިވެހި ކައްޕިއާ އެއްވެސް ސުވާލެއް ނުކޮށް، އެސަފާރީގައި މަސައްކަތް ކުރަމުންދިޔަ ސްރީލަންކާގެ ދެ މުވައްޒަފުން ހައްޔަރު ކުރި ނަމަވެސް ކްރިމިނަލް ކޯޓުން އެ ދެ މީހުން ދޫކޮށްލައިފި އެވެ. 

މި މައްސަލާގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ލަންކާއަށް ނިސްބަތްވާ 27 އަހަރުގެ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ އާއި، 35 އަހަރުގެ ތަރަކަ ސަމަން ކުމާރަ ދޭވަ އެވެ. 

މިމަހުގެ 8 ވަނަ ދުވަހު އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުތަކާނުލައި ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. 

މި މައްސަލައާ ގުޅިގެން ކޯޓުގެ އަމުރުގައި ބުނެފައިވަނީ ދެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ހުއްދަ ނުނަގައި ބަނގުރާ ގެންގުޅުމާއި، އޭގެ ވިޔަފާރި ކުރުން ކަމަށްވާއިރު، ދެ މީހުން މަސައްކަތް ކުރާ ސަފާރީގައި ބަނގުރާ ހުރި ކަމަށެވެ. އެއީ ސަފާރީގެ ދެ މުވައްޒަފުން ކަމަށާއި، ސަފާރީގައި ބަނގުރާ ހުރުމާއި، ބަނގުރާ ގެންގުޅުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައި އޮތުމަކީ އެ ދެމީހުން ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށެވެ. ސަފާރިގައި ބަނގުރާ ހުރީ ސަފާރީގެ ވެރިފަރާތަށް ނޭނގި ދެ މީހުންގެ އަމަލެއްގެ ސަބަބުން ކަމުގައިވާނަމަ އެކަމަށް ޒިންމާ ކުރުވިދާނެ ކަަމަށް ކޯޓު އަމުރުގައިވެ އެވެ. ނަމަވެސް ސަފާރީގެ ވެރިފަރާތް ނުވަތަ ހަވާލުވެހުރި މީހާގެ ބަހެއް ފުލުހުން ހޯދާފައިނުވާތީ މިކަން އެނގޭނެ ގޮތެއް ނެތް ކަަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ. 

ކޯޓު އަމުރުގައި ބުނީ ސަފާރީގައި ބަނގުރާ ހުރިއިރު، ބަނގުރާ ގެންގުޅުމުގެ ހުއްދައިގެ މުއްދަތު ހަމަވެފައިވާތީ އެކަމާ ޒިންމާ ނަގަން ޖެހޭނެ ފަރާތަކީ ވެރިފަރާތް ނުވަތަ ހަވާލުވި ފަރާތް ކަަމަށެވެ. ފުލުހުން މި ސަފާރީ ބަލައި ފާސްކޮށް ނިމުމުން އެތަނަށް އައި ސަފާރީއާ ހަވާލުވެހުރި މީހާއާ ސަފާރީ ހަވާލުކުރި ކަމަށްވާއިރު، އޭނާއަށް ތުހުމަތެއް ކޮށް، އޭނާ ގެ ބަހެއް ފުލުހުން ނަގާފައިނުވާ ކަމަށް ބުނެފައިވެ އެވެ. 

އެހެންކަމުން ފުލުހުން އަމަލު ކޮށްފައިވާ ގޮތަށް ބަލާއިރު، ތުހުމަތު ކުރުމަށް އެންމެ އައުލާކަންބޮޑު މީހާއަށް ތުހުމަތެއް ކޮށްފައިނުވާ ކަމަށާއި، ފުލުހުން ސަފާރީއަށް އެރިއިރު ސަފާރީގައި ހުރި ދިވެހި މީހަކީ ކައްޕި ކަމަށް ފުލުހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އަދި އެމީހާގެ މައްޗަށް ތުހުމަތެއް ނެތުމުން ދޫކޮށްލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިހެން މިކަން ހިނގާފައިވާތީ، މި ސަފާރީގައި މުވައްޒަފެއްގެ ގޮތުން މަސައްކަތް ކުރާ ފަރާތްތަކަށް ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރިކަމުގެ ތުހުމަތެއް ކުރާނެ ޖާގައެއް ނެތް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.