މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ސްކޭމް މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލުނުކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުގައިވާ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހު ސްކޭމްތަކުގެ މައްސަލަވަނީ އެހެން މަސްތަކަށްވުރެ އިތުރުވެފަ އެވެ. އެގޮތުން ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައިވެ އެވެ.

ތަފާސްހިސާބުން ދައްކާގޮތުގައި އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ-ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައެއް، ފައިސާ މާރުކުރުމުގެ ފައިސާ ހޯދި 31 މައްސަލައެއްގެ އިތުރުން ފިޝިން ވިޝަން އަދި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލައެއް، އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާކަމަށް ތަފާސްހިސާބުގައި ފާހަގަކޮށްފައިވެ އެވެ. 

ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެ މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވަނީ ލިބިފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ވޭތުވެދިޔަ 10 މަސްދުވަސް ތެރޭގައި ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 40 އިންސައްތަ ވެސް އަނބުރާ ހޯދިފައެއް ނުވެ އެވެ.