ދިވެހިރާއްޖޭގައި މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް އިންސާފުވެރިކޮށް ދޫކޮށްފައިނުވާ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންގެ ތާއީދު ހޯދުމަށް ނުވަތަ ރުހުން ހޯދުމަށް އެކިއެކި މަސައްކަތްތައް ކުރާ ކަމަށާއި، ރައްޔިތުންނާއެކު ބާއްދަލުވުންތައް ވެސް ބާއްވާ ކަމަށެވެ.

މި ބައްދަލުވުންތަކުން ވެސް އެންމެ ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ރާއްޖޭގައި ބޯހިޔާވަހިކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ގިނަ ރައްޔިތުން ވެސް އެއްބަސްވާ ކަމަށް މެންބަރު ޒިޔާދު ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ ބިމުގެ ކަންކަމަކީ އެންމެ ބޮޑަށް ކަޓުވެސް ނެގޭ މަސައްކަތް ކަމަށާއި، ރާއްޖޭގައި މިހާތަނަށް ބިމާ ގުޅޭ ކަންކަން އަދި ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ ރާއްޖޭގެ މިހާރުގެ ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. 

އާމިރު ނިކަން ބަލާބަލަ ރާއްޖޭގައި އެޅިފައި ހުރި ބޯހިޔާވަހިކަން ދިނުމުގައި އެންމެ އިސްދައުރެއްގައި ހުރީ ކޮން ބޭފުޅެއްތޯ. ރައީސް ނަޝީދު އެޅި 1000 ފްލެޓު ހަވާލުކުރުމުގެ ކުރިން ވެރިކަން ވެއްޓުނީ. ހަވާލުވީ އޭރުގެ ހައުސިން މިނިސްޓަރު އެކަން ކުރަން. އޭގެފަހުން ރައީސް ޔާމީން އެޅި 700 ފްލެޓު އެއީ އައްޑޫ އާއި ފުވައްމުލަކުގައި ހުރި ފްލެޓުތަކެއް އަޅާނެ ހުޅުމާލޭގައި. އެއީ ޒާތީ މައުލޫމާތަކަށްވީމަ ކޯޑު ނަންބަރެއް ދީގެން ފްލެޓު ދިން ފަހަރު. އޭރުގެ ހައުސިން މިނިސްޓަރާއި ހަމަ މުއްތަލިބު. މިދެބޭފުޅުން ތިއްބެވީ. ދެން އައީ 7000 ފްލެޓު. ހަމަ އެހެން. މިހާރު މިދިން 4000 ފްލެޓު ވެސް ހަމަ އެބޭފުޅާ އެހުންނަވަނީ.  
ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު

މީގެ އިތުރުން މެންބަރު ޒިޔާދު ވިދާޅުވީ މިހާރު ގައުމުގައި ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށާއި، ކޮންމެ އިންތިޚާބަކާ ދިމާކޮށް ރައްޔިތުންނަށް ދަޅަ ދައްކައި، ބައެއް ކަންކަން ވިއްކަން މަސައްކަތް ކުރާ ކަމަށެވެ. 

ނަމަވެސް މިހާރު ބޯހިޔާވަހިކަން ވިއްކައިގެން ވެސް ދެވަނަ ދައުރެއް ރައީސް މުއިއްޒަށް ނުލިބޭނެކަން ޔަގީން ވެފައިވާތީ ގާނޫނުއަސާސީ ބަދަލު ކުރުމުގެ މަސައްކަތް ކުރަނީ ހީލަތްތެރިކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.