ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މައި އޮފީހުގެ ގޮތުގައި ހ. ވެޔޮވިލާ ފަސް ބުރިއަށް އިމާރާތްކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ކަނޑައަޅައި ގޭގެ ވެރިފަރާތް އެއް ލައްކަ އަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. 

ސަރުކާރު ހިންގާ ޕީއެންސީ އިން ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި ބޮޑު އޮފީސް އިމާރާތް ހެދުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގާ އެ އިމާރާތް ކުރުމުން މާލޭ ސިޓީ ކައުންސިލުން  އެ އިމާރާތް ހުންނަ ހެންވޭރު ވެޔޮވިލާގެ ގޭގެ ވެރި ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ 128،545ރ. އިންނެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލް ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެ އިމާރާތުގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ ނަގަންޖެހޭ ހުއްދަތައް ނުނަގާ އިމާރާތް ކޮށްފައިވާތީ ކަމަށެވެ. އެގޮތުން ގޭގެ ވެރިފަރާތް ޖޫރިމަނާ ކޮށްފައިވަނީ އިމާރާތް ކުރުމުގެ އިދާރީ ގަވައިދުގެ 132 ވަނަ މާއްދާގެ ދަށުންނެވެ.

އަދި ހުއްދަ ނެތި ފަސް ފަންގިފިލާ އިމާރާތްކުރުން 73,545ރ. އަދި ރަޖިސްޓްރީވެފައިވާ އިންޖިނިއަރެއްގެ ބެލުމުގެ ދަށުން ނޫން ގޮތަކަށް ބިންގަނޑު ކޮނުމާއި ފައުންޑޭޝަން މަސައްކަތް ކޮށްފައިވާތީ 50,000ރ. އަދި އިމާރާތްކުރުމުގެ ގާނޫނާ ހިލާފު ކަންތައްތަކެއް ހިނގަމުންދިޔައިރު، އެކަން ކަމާބެހޭ އިދާރާއަށް އަންގާފައި ނުވާތީ އިތުރު 5,000ރ. އެވެ.

ހުއްދަ ނުނަގާ އިމާރާތް ކުރުމުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 128،545ރ. ހަތް ދުވަސް ތެރޭގައި ދައްކަން ސިޓީ ކައުންސިލް އިން އެގޭގެ ވެރިފަރާތައް ވަނީ އަންގާފަ އެވެ. 

އެންމެ ފުރަތަމަ އެމްޑީޕީގެ ހަރުގެ ހިންގި މި އިމާރާތުގައި ފަހުން، އެ ޕާޓީން ވަކިވެ ކުރީގެ ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ޖަގަހައެއް ވެސް ހިންގި އެވެ. ޕީއެންސީ އިން އެ ބިން ނެގީ ރިޔާސީ އިންތިހާބަށްފަހު އެވެ. އޮފީސް އިމާރާތް އެޅުމަށް ޕީއެންސީ އިން ބޮޑު ހަރަދެއް ކުރި ކަމަށް މައުލޫމާތު ލިބުނު ނަމަވެސް ކުރި ހަރަދުގެ ސީދާ އަދަދެއް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.