ރައީސް ޑރ.މުހައްމަދު މުއިއްޒު ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ރައްޔިތުންގެ ގައިގަ ޖަހާނެ ސައްޕުގެ ބޮޑުވަރު އެނގޭތީ އިންތިހާއަށް ކަންބޮޑުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ކުޑޫ ވަނީ މިސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ގައުމަށް ރަނގަޅެއްވާނަމަ އެއް އަހަރު ދުވަހުގެ މުސާރަ ވެސް ގުރުބާން ކުރާނެ ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުން ވިދާޅުވާތީ މެންބަރު އިބްރާހިމް ވަނީ އެބޭފުޅުން ކުރަމުންދާ މަސައްކަތްތަކާ މެދު ސުވާލު އުފައްދާފަ އެވެ. ގައުމާ ރައްޔިތުންގެ މަސްލަހަތު އިސްކޮށް މަޖިލީހުގައި މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން މެންބަރު ކުޑޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި ރިޔާސީ އިންތިޚާބު އެކުގައި ބާއްވަން ގާނޫނު އަސާސީ އަށް ބަދަލު ގެންނަނީ ގައުމަށް ހެޔޮ އެދިގެން ނޫން ކަަމަށެވެ. އަދި މަޖިލީހުގެ ދައުރުން 6 މަސް ގެއްލޭތީ އެކަމާ އެމްޑީޕީގެ މަޖިލިސް މެންބަރުން ނުރުހުން ފާޅު ކުރާ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވާތީ އެކަމަށް ރައްދު ދެއްވައި ކުޑޫ ވިދާޅުވީ މިއަދު މަޖިލިސް އުވާލި ނަމަވެސް ކަންބޮޑު ނުވާ ކަމަށާއި، މިހާތަނަށް ރައްޔިތުންނާ ގައުމުގެ ހައްގުގައި އެމްޑީޕީން ކޮށްފައިވާ މަސައްކަތްތަކާ މެދު އުފާ ކުރާ ކަަމަށެވެ.

ނަމަވެސް ކަންބޮޑުވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި، ގާނޫނު އަސާސީއަށް ބަދަލު ގެނެސް ރައްޔިތުންގެ ގައިގައި ރައީސް މުއިއްޒު ޖަހާނެ ސައްޕު ބޮޑުކަން އެނގޭތީ ކަންބޮޑުވާ ކަމަށް މެންބަރު އިބްރާހިމް ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިއުޅެނީ ކަންބޮޑުވެގެން އަތަށް އެއްޗެއް އޮޅާލާފައި ޖަހާނެ ސައްޕުގެ ބޮޑުކަމުން. އެއީ އެނގޭތޯ އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ. އަޅުގަނޑުމެންގެ ކަންބޮޑުވުމަކީ އިދިިކޮޅު ޕާޓީގެ ގޮތުގައި 40،000 އެތައް ހާސް މެންބަރުންނެއް އެމްޑީޕީގައި އޮއްވާ އަޅުގަނޑުމެންގެ ގާތުގައި އަހާވެސް ނުލާ ކަންތައްތައް ކުރާތީ. އެހެން އެއްވެސް ކަންބޮޑުވުމެއް ނެތޭ އެނގޭތޯ. މިގައުމުގައި އެއްވެސް ކަމެއް ގޯސްވެއްޖެއްޔާ އޭގެ ޒިންމާ ނަގަނީ ވެރިކަން ކުރާ ޕާޓީއަކުން ނޫން. އެހުރިހާ ރައްޔިތުންނަށް އޭގެ އުދަންގޫ ދުއްތުރާ ދަނީ ޖެހެމުން.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ)

ކުޑޫ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް މިހާތަނަށް އެއްވެސް ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި، 2 އަހަރު ބޭކާރު ވެފައިވާ ކަމަށެވެ. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ދެވަނަ ދައުރެއް ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށާއި، ރައްޔިތުން ބޭނުންވާ އަދުލްއިންސާފު ގާއިމްކޮށް ކޮރަޕްޝަން ނައްތާލެވިފައިވާ ގައުމެއް ބިނާ ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.