ފޮރިން ސާވިސް އަށް އެ ދާއިރާގެ ތަމްރީނު ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެހެން ގާނޫނު ގައި ކަނޑައެޅުން މުހިއްމު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ރާއްްޖޭގެ ފުރަތަމަ ދިފާއަކަށް ވާން ޖެހޭނީ ޚާރިޖީ ސިޔާސަތު ކަމަށެވެ. އަދި މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމުގެ ފުރަތަމަ ދިފާއީ ރޮނގަކީ ފޮރިން ސާވިސް ކަމަށާ އެ ސާވިސްގެ ގާބިލުކަމާއި ހުޝިޔާރުކަމުގެ ހުނަރު ކަމަށެވެ.

އެ ފޮރިން ޕޮލިސީ ވާން ޖެހެނީ ވީހާ ގިނަ ބަޔަކާ ނުޖެހި، ޚާއްސަކޮށް އަވައްޓެރިންނާ ގުޅިގެން އުޅެވޭނެ ސިޔާސަތަކަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ. އެހެން ކަމުން ފޮރިން ސާވިސް އަށް އެ ދާއިރާ އާ ގުޅޭ ތައުލީމު ލިބިފައިވާ ފަރާތެއް ނޫނީ އައްޔަނު ނުކުރެވޭނެ ހެން ގާނޫނު ގައި ކަނޑައެޅުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

އެގޮތަށް އެކަން ކުރުމުން ޒަމާންވީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ހާދިސާތައް ދިމާވުން މަދުވާނެ ކަމަށް ފައްޔާޒު ވިދާޅުވީ ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާ ސަރުކާރަށް ފާޑު ވިދާޅުވުމުން އާއްމުންގެ ނުރުހުމާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. 

ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދިން އިންޓަރވިއު އެއްގައި މަސްއޫދު ވަނީ އި ލަންކާ އިމިގްރޭޝަނުން ދިވެހިންނާއި މެދު "ދޮން މަންމަ" އަކަށް ކަންކަން ކުރާ އުސޫލުން ކަންކަން ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން މީސްމީޑީއާގައި އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. މިއީ ނަސްލީ ތަފާތު ކުރުމަށް މަގުފަހިވާ ފަދަ ކޮމެންޓެއް ކަމަށް ވެސް ބައެއް އާއްމުން ވަނީ ބުނެފަ އެވެ. ބައެއް އާއްމުން ވަނީ އޭނާގެ އިސްތިއުފާ އަށް ވެސް ގޮވާލާފަ އެވެ.