ރާއްޖެ އިން ލަންކާ މީހުންނަށް ވިސާ ދިނުމުގައި ގެންގުޅޭ އުސޫލު މުރާޖާކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވުމަށްފަހު، ރައީސް މުއިއްޒުގެ ފަރާތުން ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އެ ގައުމުގެ ސަރުކާރާ އިދިކޮޅު ލީޑަރެއް ކަމަށްވާ ނަމަލް ރާޖަޕަކްސަ އާ ބައްދަލު ކުރައްވައިފި އެވެ.
ސްރީ ލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) ޕާޓީ އަކީ އެ ގައުމުގައި މިހާރު ވެރިކަން ކުރަމުން އަންނަ ސަރުކާރާ އިދިކޮޅު ފިކުރުގެ ޕާޓީއެކެވެ. އެ ޕާޓީ އަށް ނިސްބަތްވާ ލަންކާގެ ކުރީގެ ރައީސް މަހިންދަ ރަޖަޕަކްސާގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ނަމާލް ރާޖަޕަކްސާ އާއި މަސްއޫދު ބައްދަލުކުރެއްވިކަން، ނަމާލް ވަނީ އެކްގައި އާއްމު ކުރައްވާފަ އެވެ.
ނަމާލް އެކްސްގައި ކުރެއްވި ޕޯސްޓުގައިވަނީ އެސްއެލްޕީޕީ ގެ އޮފީހުގައި މަސްއޫދު އާއި ބައްދަލުކުރައްވައި ދެ ގައުމުގެ ދޭދޭ ގުޅުމާއި، އެއްބާރުލުން އިތުރުކުރުމާ ބެހޭ މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި އެކުގައި މަސައްކަތްކޮށްގެން ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ. ނަމާލް ވަނީ ލަންކާ އަކީ ގިނަ އަދަދެއްގެ ދިވެހީންގެ ދެވަނަ ގެ ކަމުގައި ފާހަގަކުރައްވާފަ އެވެ.
ލަންކާގެ އިދިކޮޅު ފަރާތްތަކާއި މާސްއޫދު ބައްދަލު ކުރެއްވި އިރު، ދާދި ފަހުން މަސްއޫދު ލަންކާގެ ނޫހަކަށް ދެއްވި އިންޓަވިއުގައި ލަންކާ ސަރުކާރަށް ފާޑު ވިދާޅުވެ ގެންގުޅުއްވި ހަރުކަށި ބަސްމަގުގެ ސަބަބުން އެތައް ބައެއްގެ ފާޑުކިޔުން ވަނީ އޭނާ އަށް އަމާޒުވެފަ އެވެ.
ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދިން އިންޓަރވިއު އެއްގައި މަސްއޫދު ވަނީ އި ލަންކާ އިމިގްރޭޝަނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
މިކަމާއި ގުޅިގެން މީސްމީޑީއާ ގައި އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ މިއީ ސަރުކާރަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ނުކުރާ މީހުން މިފަދަ މަޤާމްތަކަށް އައްޔަން ކުރުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ބުނެ އެވެ. ޑިޕްލިމެޓުން މި މޭރުމުން އަމަލުކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި ވެއްޓެނީ ދިވެހިންގެ އަގު ކަމަށް ވެސް ގިނަ ރައްޔިތުން ބުނެ އެވެ.
މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާ ވެފައި އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިކަމާއި މެދު ކޮމެންޓް ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ޑިޕްލޮމަސީ ހިންގަނީ ނޫސްތަަކަށް ދޭ އިންޓަރވިއު މެދުވެރިކޮށްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ.