ކުރީގެ ތެލެސީމިއާ ސެންޓަރުގައި ހެންވޭރު ޖީޕީ ކްލިނިކް ހަދަން، އެ އިމާރާތުގެ ޑިމޮލިޝިން މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އައިޖީއެމްއެޗުން އިއުލާނުކޮށްފި އެވެ.

އައިޖީއެމްއެޗް އިން ކުރި އިއުލާނެއްގައި ބުނީ، ކުރީގެ ތެލެސީމިއާ ސެންޓަރު ޑިމޮލިޝިން މަސައްކަތްކޮށްދޭނެ ބަޔަކު ބޭނުންވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުން ވަނީ، އެ މަސައްކަތަށް ބީލަން ހުށަހަޅަން ހުޅުވާލާފަ އެވެ.

ޑޮކްޓަރަށް ދައްކަން، ސަރުކާރު ހޮސްޕިޓަލްތަކުގައި ކިޔުގައި އެތައް ވަގުތެއް ހޭދަކުރަން ޖެހެ އެވެ. އެ މައްސަލަ ކުޑަކުރުމަށް ސަރުކާރުން ވަނީ، މާލެ ސަރަހައްދުގައި ހަ ޖީޕީ ކްލިނިކެއް އެޅުމަށް ނިންމާފަ އެވެ. އޭގެތެރެއިން، އެއް ކިލިނިކް މާފަންނުގައި ހުޅުވާފައިވާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުލިނިކެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ކުރީގެ ތެލެސީމިއާ ސެންޓަރުގައި ޖީޕީ ކްލިނިކް ހަދާއިރު، ޚިދުމަތްތައް ޒަމާނީކޮށް އޮރެންޖު ހިޔާއަށް އެ ސެންޓަރުގެ ޚިދުމަތް ވަނީ ބަދަލުކޮށްފަ އެވެ. އޭގެ ފަހުން އެ ސެންޓަރު ހުންނަނީ ހުހަށެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރީ، މިދިޔަ އަހަރުގެ މެއި އަށެއްގަ އެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މަހު ނުވައެއްގައި މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވަނީ، ހެންވޭރުގައި ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ހަލީމް ވިދާޅުވީ މަސައްކަތް ކުރަނީ، އެ ކްލިނިކާއި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް ކަމަށެވެ.