ގއ. އަތޮޅު ކައުންސިލުން ތައިލޭންޑަށް ކޮށްފައިވާ ތަޖުރިބާ ދަތުރުތަކަށް 338،006 ރުފިޔާ ހަރަދުކޮށްފައިވާ އިރު، މި ހަރަދަކީ ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝިއަންސީ އިތުރުކުރުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ދައުލަތުގެ އެންމެހާ އިދާރާތަކަށް މާލިއްޔަތާ ބެހޭ ސަރކިއުލަރ އިން އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދެއް ކަމުގައި ބެލެވެން ނެތް ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

މި މައްސަލަ އާއި ގުޅިގެން އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ 2024 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓް ތައްޔާރުކޮށްފައިވާ ވިސްނުންތަކާ އެއްގޮތަށް ބަޖެޓް ތަންފީޒު ކުރުމަށާއި ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށްޓަކައި، 2024 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓް ތަންފީޒުކޮށް ހަރަދު ކުރުމުގައި އިދާރާތަކުން ބަލަންޖެހޭ ކަންތައްތައް މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާ ބެހޭ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

އެގޮތުން މި ސަރކިއުލަރގައި ރާއްޖެއިން ބޭރުން ހުރިހާ ހަރަދެއް ލިބޭ ކުރު މުއްދަތުގެ ކޯސްތަކާއި ޓްރެއިނިންގތައް ފިޔަވައި އިތުރު އެއްވެސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ނުގެންދިއުމަށް އިރުޝާދު ދީފައިވުމާއި، ކައުންސިލްތަކުން ވެސް ބްލޮކް ގްރާންޓު އަދި އަމިއްލަ އާމްދަނީ ފައިސާ އިން ހަރަދު ކުރުމުގައި ސަރކިއުލަރގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް ހަރަދުތައް ބައްޓަން ކުރުމަށާއި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަރަދުތައް ހަމަޖައްސައި، ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ސަމާލުކަން ދިނުމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ގއ. އަތޮޅު ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު ތައިލޭންޑަށް ކޮށްފައިވާ ދަތުރުގެ ހަރަދުތައް ކުރުމުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން 20 މެއި 2024 އިން 30 މެއި 2024 އަށް ތައިލޭންޑަށް އަތޮޅު ކައުންސިލް އިދާރާ ތަމްސީލުކުރާ 10 މެންބަރުންގެ ތެރެއިން 7 މެންބަރުންނާއި ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން ޖުމްލަ 8 ބޭފުޅުން ތަޖުރިބާ ހޯދުމަށް ދަތުރެއް ކޮށްފައިވާ އިރު، އެ ދަތުރަށް ހިނގާނެ ހަރަދުގެ ފައިސާ ލިބޭނެ އެހެން ގޮތްތަކެއް ހޯދުމަކާ ނުލާ ކައުންސިލްގެ ބަޖެޓުން 338،006 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ. 

އަދި މިގޮތަށް ކައުންސިލްގެ ބަޖެޓުން ބޮޑު އަދަދެއް ހަަރަދުކޮށްފައިވުމުން މާލިއްޔަތު ސަރކިއުލަރގައި އިރުޝާދު ދީފައިވާ ގޮތަށް ހަރަދުތަކުގެ އެފިޝިއަންސީ މަތިކުރުމަށް ކައުންސިލްގެ އިދާރާއިން އަމަލުކޮށްފައި ނުވާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ހުރުމާއި ކެއުމުގެ ހަރަދަށް 266،457 ރުފިޔާ އަދި ޓިކެޓަށް 71،549 ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. 10 މީހުންގެ ރޭޓުން ބަލާނަމަ މިއީ ކެއުމަށް ބޮލަކަށް 26،645.7 ރުފިޔާ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ ކައުންސިލްގެ މި ދަތުރަކީ އަތޮޅު އަދި ރަށު ކައުންސިލްތަކަކީ ރައްޔިތުންގެ މަންފާ އާއި ލާބައަށް މަސައްކަތް ކުރަމުންދާ ކައުންސިލްތަކަކަށް ވާތީ ތައިލޭންޑް ފަދަ ކުރިއަރާފައިވާ ގައުމެއްގައި ލޯކަލް ގަވަރމަންޓް އަދި ޕްރޮޖެކްޓްތަކުގެ ކަންކަން ކުރަމުންދާ ގޮތް ދެނެގަނެ އަދި އެގައުމުގައި ރައްޔިތުންނަށް ފައިދާކުރަނިވި ގޮތުގައި ކަންކަން ކުރަމުންދާ ގޮތްތައް ދެނެގަނެ ތަޖުރިބާ ހޯދުމުގެ މަގުސަދުގައި ކޮށްފައިވާ ދަތުރެއް ކަމަށެވެ.