ރަށްރަށުގައި ހިންގަން ސޮއި ކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުދަނީ އެރަށްރަށު ގެ ކައުންސިލް އިން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ހިންގަން ހަވާލުކޮށްފައިވާ މަޝްރޫއުތައް ހިނގާގޮތް ބަލަން ކަމަށާއި އެގޮތުން ބައެއް ރަށްރަށުގައި މީގެ ތިން މަސް ކުރިން ސޮއި ކޮށްފައިހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅެނީ ކައުންސިލް އިން އެ މަޝްރޫއު ހިންގަން ހަމަ ޖެހިފައިވާ ބިން ހަވާލު ނުކޮށްގެން ކަމަށެވެ. 

މިހާރުވެސް މިއަދުވެސް އަޅުގަނޑު ބަލާލި އިރުގަ އިނގޭތޯ، މިއަދުވެސް އަޅުގަނޑު ބަލަން އެކިއެކި މަޝްރޫއުތައް ހިނގާގޮތް. އެކިއެކި މަޝްރޫއުތައް އެކި ދާއިރާތަކުގައި ދިމާވެފައި ހުރި ދަތިތައް ބަލާލި އިރުގަ މިއަދުވެސް އަޅުގަނޑުމެން އަތައް ލިބުނު ލިސްޓެއްގަ އެތައް ރަށެއްގަ މީގެ މަހެއް ދެމަހެއް ނޫނީ ތިން މަސް ކުރިން ސޮއި ކޮށްފަ ހުރި ބައެއް މަޝްރޫއުތައް ފަށައިނުގަނެވިގެން އުޅޭނީ ކީއްވެތޯ ބަލާލިއިރުގަ ބިން ހަވާލުނުކޮށްގެން. ކައުންސިލުންނޭ ބިން ހަވާލުކުރަނީ. ކޮންކަމަކަށްތޯ. މިސްކިތް އަޅަން ސުކޫލުގެ އެކްސްޓެންޝަން ހަދަން ނޫނީ ހެލްތް ސެންޓަރު ކޮންމެސް ކަމެއް ކުރަން ނޫނީ އެކަހަލަ ކޮންމެސް ކަމަކު ސްޕޯޓްސް މަޝްރޫއުއެއް ހިންގަން ބިން ހަވާލުނުކުރެވިގެން ކައުންސިލުން ކުރަންޖެހޭ ކަމެއްް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު

މީގެއިތުރުން ރައީސް ވިދާޅުވީ، ބޭނުންވަނީ ކައުންސިލް އިންތިހާބަށް ފަހު ދެން ބާކީ އޮތް މުއްދަތުގަ އެތައް މަޝްރޫއު އެއް ބާރު ސްޕީޑުގަ ހިންގަން ކަމަށެވެ. އެކަން ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ދީގެން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ކައުންސިލް މެންބަރުންނަކީ ސަރުކާރު ޖަވަބުދާރީ ކުރުވަން ހޮވާ ބައެއް ނޫން ކަމަށާއި ކައުންސިލް އަކީ ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް ކަމަށެވެ. 

މީގެ ތިން މަސް ކުރިން ސޮއި ކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ނުގޮސް ހުއްޓިފައި އޮތީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސް ވިދާޅުވީއިރު ށ. ފޯކައިދޫ ގައި ހުރި ބޮޑު މިސްކިތް ތަޅާލީ ރައީސް މުޢިއްޒު ގެ ދަތުރުފުޅާ ގުޅިގެން އެތަނުގައި އިސްލާމީ މަރުކަޒެއް އެޅުމަށެވެ. އެހެން ނަމަވެސް އެރަށު ކައުންސިލް އިން ފާހަގަ ކުރި ގޮތުގައި އެތަނުގައި ހުރި މިސްކިތް ތަޅާލައި އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމަށް އެޅި ބިންގާ ފެންނަން ވެސް ނެތް ކަމަށެވެ. 

އެރަށު ބޮޑު މިސްކިތް ތަޅާލިތާ 2 މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު އެ ތަނުގައި އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ. އަދި ފާއިތުވެގެން ދިޔަ 2 މަސް ދުވަސް ވަންދެން އެރަށުގައި ހުކުރު ކުރީ ސުކޫލު ހޯލުގަ އެވެ. 

އޭގެ އިތުރުން ވެސް ވަރަށް ގިނަ ރަށްރަށުގެ ކައުންސިލް ތަކުން ރަށްރަށުގައި ބިންގާ އަޅާފައިވާ ޕްރޮޖެކްޓް ތައް ކުރިއަށް ނުދާކަން ވަނީ ފާހަގަ ކޮށްފަ އެވެ.