ހުޅުމާލެ ފޭސް އެކެއްގައި ހުރި ކެފޭއެއްގައި އަލިފާނުގެ ހާދިސާ އެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
ހުކުރު ދުވަހު އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލާފައިވާ ކަަމަށެވެ.
މި ހާދިސާގެ ރިޕޯޓް ބުރާސްފަތި ދުވަހުގެ ރޭ 00:58 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ބުރާސްފަތި ދުވަހުގެ ރޭ 01:19 ހާއިރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ކެފޭގެ ބަދިގެ އަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ސީލިންގުން ބައެއް ވެއްޓިފައިވެ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އަލިފާން ރޯވާން މެދުވެރި ސަބަބެއް އެމްއެންޑީއެފުން ހާމަ ކޮށްފައިނުވެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.