ގއ. ދާންދޫ ކައުންސިލް އިދާރާއިން އެ އިދާރާގެ ކަރަންޓު ބިލްތަކަށް ފައިސާ ނުދައްކާ، އެ ފައިސާއިން ކުޅިވަރު ހަރަކާތްތަކަށް 7 ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ދާންދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 6.02 ވަނަ މާއްދާގެ (މ) ގައި ބަޔާންކޮށްފައިވާ ގޮތުން ދައުލަތުގެ އޮފީސްތަކަށް އެކި ފަރާތްތަކުން ހުށަހަޅާ ލިޔުންތައް ދައްކަން ޖެހޭ ފައިސާގެ ބިލުގައި މައްސަލަ އެއް ނެތް ނަމަ، ބިލު ލިބޭތާ ލަސްވެގެން ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭ ކަމަށެވެ. ނަމަވެސް ކައުންސިލް އިދާރާއިން ދައްކަންޖެހޭ ކަރަންޓް ބިލުތަކަށް ގަވާއިދުން ފައިސާ ދައްކާފައި ނުވުމުގެ ސަބަބުން ބިލުތަކަށް ޖޫރިމަނާ ފައިސާ ދައްކަންޖެހި، އެ ފައިސާ ކައުންސިލް އިދާރާ އިން ދައްކާފައިވާ ކަމަށެވެ. 

އެގޮތުން ކަރަންޓު ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދިއުމުގެ ސަބަބުން 31 ޑިސެމްބަރު 2024 ގެ ނިޔަލަށް 2،895،718 ރުފިޔާ އަދި ޖޫރިމަނާގެ ގޮތުގައި 44،692 ރުފިޔާ ހިމެނޭ ގޮތަށް ޖުމްލަ 2،940،410 ރުފިޔާ ކައުންސިލް އިދާރާއިން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ނިޔަލަށް ފައިސާ ނުދެއްކި ހުރި ބިލުތަކުގެ ރިޕޯޓުން އެނގޭ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި މީގެ ތެރޭގައި 2021 ވަނަ އަހަރުން ފެށިގެން ފައިސާ ނުދައްކާ ހުރި ބިލުތައް ހިމެނޭ ކަމަށް ވެސް އޮޑިޓުގައި ބުނެފައިވެ އެވެ. 

އޮޑިޓުގައި ބުނެފައިވަނީ ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓް ތައްޔާރު ކުރުމާއި، ބަޖެޓް ތަންފީޒު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ (ހ) ގައި، ކައުންސިލުން އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ "ޖެނެރަލް ލެޖަރ ކްލެސިފިކޭޝަން" ގެ 3 ޑިޖިޓުގެ ބަޖެޓް ކޯޑުތަކުގައި ހިމެނާފައިވާ ފައިސާ  އެއްބައިން އަނެއްބަޔަކަށް ބަދަލުކުރެވޭނީ ކައުންސިލުން އެކަން ފާސްކުރުމުން ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 4.03 ވަނަ މާއްދާގެ (ހ) ގައި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅާފައިވާނަމަ، އެ ހަރަދެއް ކުރަންވާނީ އެކަމަށް ކަމަށާއި، އަދި މި މާއްދާގެ (ޅ) ގައި ބަޖެޓުން ކުރަންޖެހޭ ހަރަދުތައް ކުރަންވާނީ އެކަމަށް ބަޖެޓުގައި ކަނޑައެޅިފައި އޮތް އަދަދަށްވުރެ އިތުރުނުވާނެ ގޮތެއްގެ މަތިން، އެ ހަރަދެއް ކުރަން އެންމެ އެކަށޭނެ ބަޖެޓް ކޯޑަުން ކަމަށް ބަޔާންކޯށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އެހެންނަމަވެސް، ގއ. ދާންދޫ ކައުންސިލްގެ އިދާރާއިން ފާސްކޮށްފައިވާ ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދު ކައުންސިލުން ފާސްނުކޮށް އެއްކޯޑުން އަނެއް ކޯޑަށް ބަޖެޓް ބަދަލުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން ކައުންސިލް އިދާރާއިން 2024 ވަނަ އަހަރުގެ ކަރަންޓު ފީގެ ހަރަދު ކޯޑަށް 1،049،184 ރުފިޔާ ބަޖެޓު ކޮށްފައިވާ އިރު، ނުދައްކާ ހުރި ކަރަންޓު ބިލްތަކަށް ފައިސާ ދެއްކުމުގެ ބަދަލުގައި އިދާރާގެ އެހެނިހެން ހަރަދުތަކަށާއި ކުޅިވަރު މުބާރާތްތައް ހިންގުމަށް 745،166 ރުފިޔާ އެ ކޯޑުން ނަގައި ބަޖެޓް ކޮންޓްރޯލް ހަދާފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. 

އަދި މިކަމުގެ ސަބަބުން ކަރަންޓު ބިލްތައް ދެއްކުމަށް ކައުންސިލް އިދާރާއިން ބަޖެޓް ކޮށްފައިވާ ފައިސާއިން އެހެނިހެން ހަރަދުތައް ކުރުމުގެ ސަބަބުން ކަރަންޓް ބިލްތަކަށް ފައިސާ ނުދެއްކި ހުރި ކަމާއި އަދި ޖޫރިމަނާ ދައްކަންޖެހިފައިވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

އޮޑިޓުގައި ވަނީ މިއީ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ފަދަ ހުއްދަ ނޫން އަމަލަކަށްވާތީ އެ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މައްސަލަ ބަލައި މިކަމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެފަރާތަކާމެދު ފިޔަވަޅު އެޅުމަށް ވަނީ އަންގާފަ އެވެ.