ރ.ދުވާފަރަށް ތަރައްގީގެ ބޮޑު ބަދަލެއް ގެނެސްދެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް އެރަށު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ފަށާއިރު ޕްރޮގްރާމްގައި ޔަޝްފާ ވަނީ ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި ދުވާފަރުގައި ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކާވާފަ އެވެ. ތަރައްގީގެ ބޮޑު ބަދަލަކާއެކު މުޅި ރަށް ބަދަލު ކޮށްދެއްވީ ކުރީގެ ރައީސް ސޯލިހު ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ މަޝްރޫއުތައް ކުރިއަށް ގެންދިޔަކަން ފާހަގަކުރައްވައި ޔަޝްފާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރު އައުމުގެ ކުރިން އެރަށުގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަކީ ދަތިކަމެއް ކަމަށާއި، މަގުތަކުގައި ވަރަށް އަޑިގުޑަންތައް ގިނަ ކަމަށެވެ. ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ބޮޑެތި މަގުތަކުގައި ތާރުއަޅާފައިވާ ކަމަށާއި، އަމާން ރައްކާތެރި މަގުތަކެއް ގާއިމް ކޮށްދިން ކަމަށެވެ. ސަރުކާރު ބަދަލު ވެގެންދިޔައިރު ބޮޑެތި ހުރިހާ މަގެއްގެ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ޔަޝްފާ ވިދާޅުވީ ރައްޔިތުން އެދުނު ގޮތަށް ހޮސްޕިޓަލް ތަރައްގީ ކޮށްދިން ކަމަށާއި، ޒުވާނުން ބޭނުންވާ ގޮތަށް ކުޅިވަރު ކުޅޭނެ ދަނޑުތައް ގާއިމް ކޮށްދިން ކަމަށެވެ. އަދި އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން 22 ހެކްޓަރުގެ ބިމެއް ހިއްކައިދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަށާއިރު ޕްރޮގްރާމްގައި ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވާހަކަ ދައްކަވަނީ
ޔަޝްފާ ވިދާޅުވީ ދުވާފަރު ބަދަލު ކޮށްދެއްވީ ރައީސް ސޯލިހު ކަމަށާއި، ވެރިކަން ބަދަލުވެގެން ދިއުމާއެކު ހުރިހާ މަޝްރޫއުތަކާއެކު ރަށް ވެސް ހުއްޓިފައިވާ ކަަމަށެވެ. ނަމަވެސް އެންމެފަހުން ރައީސް ޑރ.މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ބަނދަރަށް ހައިމާކެއް އައިސް މަސައްކަތް ފެށި ކަމަށާއި، އޭގެ ދުވަސްކޮޅެއް ފަހުން މަސައްކަތް ހުއްޓި، މިހާރު ހައިމާކު ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔަޝްފާ ވިދާޅުވީ 16 މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ބިންގާ ވެސް އެޅި ކަމަށާއި، އޭގެ ތެރޭގައި ބައެއް މަޝްރޫއުތަކުގެ ބިންގާ ދެ ފަހަރަށް އަޅާފައިވާ ކަމަށެވެ.
އެގޮތުން އެރަށުގައި ދަނާލް އެޅުމަށްޓަކައި ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކޭންޕޭން ދުވަސްވަރު ބިންގާ އެޅި ނަމަވެސް މިފަހުން ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ވެސް ބިންގާ އެޅި ކަަމަށް އޭނާ ވިދާޅުވި އެވެ. އަދި ބިންގާތައް އަޅަމުންދަނީ ސަރުކާރު ވަޒީރު ބޭފުޅުން ކަމަށާއި، ރައީސް މުއިއްޒު އެއްވެސް މަޝްރޫއެއްގެ ބިންގާ އަޅުއްވާފައިނުވާ ކަމަށް ޔަޝްފާ ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަތްޕުޅުން އެއްވެސް ވަރަކަށް ބިންގާ އަޅާފައި ނޯންނާނެ. ބުނެވޭނެއްނުންތޯ ތިމަންނަ ކޮށްފައި އޮތް ކަމެއް ނޯންނާނޭ. އެމަޅިން ރެކެން ވެގެން ކުރާ ކަމެއް.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ
ޔަޝްފާ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާއެކު މުޅި ރަށް ހުއްޓިފައިވާ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.