ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަބަދުވެސް ހުންނަވަނީ ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް ރ.ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޔަޝްފާ ވަނީ  ބުރާސްފަތި ދުވަހުގެ ރޭ ވެރިކަންކުރާ ޕީއެންސީގެ އޮފީސް އިމާރާތް ހުޅުވައިދެއްވުމަށްފަހު ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވާފަ އެވެ. ރައީސް ހިންގަން ބޭނުންވާ ބާރު މިނުގައި ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ނުހިންގެނީ ކައުންސިލްތަކުން ބިން ނުދީގެން ކަަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމަށް ވެސް ޔަޝްފާ ފާޑު ވިދާޅުވި އެވެ.

ޔަޝްފާ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދަނީ ވަސީލަތްތަކާއި، އާލަތްތައް ނެތިގެން ކަމަށާއި، މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން މިސަރުކާރުގެ ނެތް ކަމަށެވެ.

ދުވާފަރުގެ ތަރައްގީ ވެސް ހުއްޓިފައިވާކަން ފާހަގަކުރައްވައި ޔަޝްފާ ވިދާޅުވީ އެ މަޝްރޫއުތައް ކުރިއަށް ނުދަނީ ބިން ނުދީގެން ނޫން ކަމަށެވެ.  

އަޅުގަނޑުމެން ރަށުގައި ތިއިން ޕޮލިސް ސްޓޭޝަން އެނގޭތޯ. ބޭނުންވި މިނެއްގައި ބޭނުންވި ހިސާބެއްގައި ބޭނުންވި ލޮކޭޝަނެއްގައި ކައުންސިލް މެންބަރެއްގެ އިއްތިފާގުން އަދި ޕީއެންސީ މެޖޯރިޓީ އެއޮތީ ދެއްވާފައި ޕޮލިސް ސްޓޭޝަން އަޅަން. މިހާރު ވެސް މަސައްކަތް ހުއްޓިފައި އެހުރީ ތަކެތި ނެތިގެން. މީގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯންނާނެ. 
ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ

ޔަޝްފާ ވިދާޅުވީ ވެރިކަން ކުރުމުގެ ގާބިލްކަން ނެތް ބޭފުޅަކު ވެރިކަމަށް އައުމުން ވާނެ ހުރިހާ ގޮތެއް މިހާރު ވަމުންދާ ކަމަށާއި، ކައުންސިލުތަކަށް ބަހުގެ ހަމަލާތައް ވެސް އަމާޒު ކުރާ މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށެވެ. ރައީސް މުއިއްޒު ހުންނަވަނީ އަބަދުވެސް ބަނޑުހައިހޫނު ކަންމަތީގައި ކަމަށާއި، އެފަދަ ބޭފުޅަކަށް ގައުމު ނުހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޔަޝްފާ ވިދާޅުވީ މިއަދު ރައްޔިތުން އެންމެ ބޮޑަށް ވިސްނަން ޖެހޭ  ކަމަކީ ރައީސް މުއިއްޒު ހަދަމުންދާ ދޮގުތަކަށް ކަމަށެވެ. އަދި މިސަރުކާރު ޒިންމާދާރު ކުރުވަން ޖެހޭ ކަަމަށާއި، އެމަސައްކަތް ރައްޔިތުން ކުރާނެ ކަމަށެވެ. 

ރައީސް މުއިއްޒާއި، މިސަރުކާރުގެ ބޭފުޅުން ދޮގު ހަދައިގެން ބަނޑުފުރާނަމަ އެވާހަކަ ވެސް ރައްޔިތުން ދައްކާނެ ކަމަށް އޭނާ ވިދާޅުވި އެވެ.