ސްރީލަންކާ ގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ މެދު އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަމަލުކުރަމުންދާ ނޭދެވޭ ގޮތާ މެދު ކަންބޮޑުވުން ފާޅު ކޮށްފައި ވަނިކޮށް، މެލޭޝިއާ ގައި އުޅޭ ދިވެހިންނާ މެދު ވެސް ކަންކަން ހިނގަނީ ރަނގަޅަށް ނޫން ކަމަށް ޕީއެންސީ އާ ގުޅިވަޑައިގެންފައިވާ ކުރީގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް ވިދާޅުވީ، އެކަން އެހެން ދިމާވަނީ "ބައެއް ސަފީރުންގެ އަމަލުތައް ހުންނަ ގޮތުން" ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންކޮން ސަފީރުންނެއް ކަމެއް ޝަރީފް ވިދާޅެއް ނުވެ އެވެ.

ޝަރީފް ފާހަގަ ކުރެއްވި ގޮތުގައި ވިސާ ލިބުމުގެ އިތުރުން ބޮޑެތި ދަތިތައް ބޭރު ގައުމުތަކުގައި ދިވެހިންނަށް ދަނީ ކުރިމަތިވަމުންނެވެ.

ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ޝަރީފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ހަމަ ގައިމުވެސް މެލޭޝިއާ ހައިކޮމިޝަނުން އާންމު ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ވަރަށް އުނދަގޫ،" ކަމުގަ އެވެ.

މެލޭޝިއާ ގައި ދިރިއުޅޭ ދިވެހިންނަށް ދަތިތައް ކުރިމަތިވާ އިރު އަވައްޓެރި ސްރީލަންކާ ގައި އުޅޭ ދިވެހިންނަށް ކުރިމަތިވާ ގިނަ ދަތިތަކެއްގެ މައްސަލަ ބުރާސްފަތި ދުވަހު ވަނީ ފެންމަތިވެފަ އެވެ.

ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ މަސްޢޫދު އިމާދު، އެ ގައުމުގެ އިމިގްރޭޝަނުން ދިވެހި ރައްޔިތުންނާ މެދު އަމަލުކުރަމުންދާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ ލަންކާގެ ދުވަހު ނޫހަކަށް ވަނީ ބަސްދީގަތުމެއް ދެއްވާފަ އެވެ. 

ލަންކާގެ "ޑެއިލީ ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ސަފީރު ފާހަގަކުރެއްވި ގޮތުގައި، ލަންކާގެ އިމިގްރޭޝަނުން މީހުންގެ ހަމުގެ ކުލައަށް ބަލައި ތަފާތުކުރުންތަކެއް ގެންގުޅެ އެވެ. އެގޮތުން، ހަންގަނޑު ދޮން މީހުންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދޭއިރު، ދިވެހިންނަށް ދިގު ކިއޫތަކުގައި މަޑުކުރަންޖެހުމާއި، އިތުރު ތަހުގީގުތަކާ ކުރިމަތިލާން ޖެހޭކަން ސަފީރު ފާހަގަކުރެއްވި އެވެ. ވަކިން ހާއްސަކޮށް، އަމިއްލަ އަށް ވިސާ އަށް އެދޭ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑެތި ލަސްތަކަކާ ކުރިމަތިލާން ޖެހޭއިރު، ބައެއް އޮފިޝަލުންގެ ފަރާތުން ހަރުކަށި އަމަލުތައް ފެންނަކަމަށް ވެސް ވިދާޅުވި އެވެ.

މަސްޢޫދު އިތުރަށް ވިދާޅުވީ، ވިސާގެ ކަންކަމުގައި ދިވެހިންނަށް ބިރުދެއްކުމާއި ހަރުކަށިކޮށް އަމަލުކުރުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެގޮތުން، ދާދި ފަހުން ރާއްޖޭގެ ކަސްޓަމްސްގެ އިސް އޮފިސަރަކު ޗުއްޓީ އަށް ލަންކާ އަށް ދިއުމުން އޭނާ އާ ސުވާލުކޮށް ދަތިތަކެއް ކުރިމަތިކުރުވި ހާދިސާ އެއް ސަފީރު ފާހަގަކުރެއްވި އެވެ. 

ދިވެހި ސަރުކާރުން ދަރިވަރުންގެ ވިސާގެ މުއްދަތު ހަ މަސްދުވަހުން އެއް އަހަރަށް އިތުރުކޮށްދިނުމަށް ތަކުރާރުކޮށް އެދެމުން ދިޔަ ނަމަވެސް އެކަން ހަމަޖެހިފައި ނުވާ ކަމަށާއި، ލަންކާ އިން ދިވެހިންނަށް ވިސާ ދޫކުރަނީ "ސްޕެޝަލް އިންވެސްޓިގޭޝަން ސަރވިސް" މެދުވެރިކޮށް ސެކިއުރިޓީ ސްކްރީނިންގް ހެދުމަށްފަހުގައި ކަން މަސްއޫދު ފާހަގަ ކުރެއްވި އެވެ.