އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ތަސްދީގު ކުރައްވައިފި އެވެ.

މި ބިލު ފާސްކޮށްފައި ވަނީ، 2026 ޖަނަވަރީ 5 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރު ދައުރުން ބޭރުގައި ބޭއްވި ޖަލްސާގަ އެވެ. 

މި ބިލުގެ މަގުސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް، އުމުރުން 75  އަހަރު ފުރުމާ ހަމަ އަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށް ޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާ ކުރުމުގައި އަމަލު ކުރެވޭނެ އުސޫލުތައް ބަޔާންކުރުމެވެ. 

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ބިލު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށެވެ. އޭގެ ތެރޭގައި ސިފައިން، ފުލުހުން ފަނޑިޔާރުން، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމުތައް އަދާކުރާ ފަރާތްތައް ނުހިމެނެ އެވެ.

މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65  އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާ އެއް އަދާކުރަމުން ދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ 7 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވިދާނެ އެވެ.

މި ބިލަށް އަމަލުކުރަން ފަށާނީ، ރައީސް މި ބިލު ތަސްދީގު ކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީޚުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.