ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

ނަޝީދު މިހެން ވިދާޅުވީ ދިވެހިންނަށް ލަންކާއިން ވިސާ ލިބުން ދަތިވެ، ކަންބޮޑުވުމުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. 

ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ގާއިމު ކޮށްފައިވާ ބޯޑާ ކޮންޓްރޯލްތައް އުވާލުމުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަަމަށެވެ. އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ އެއްބައިވަންތަކަން އިތުރުވާނެ ކަމަށެވެ. 

މީގެ އިތުރުން ނަޝީދު ވިދާޅުވީ ވިސާގެ ޝަރުތުތަކާއި ވޯކް ޕާމިޓްތައް ނައްތާލުމުން ވިޔަފާރިއާއި ފަތުރުވެރިކަން ކުރިއަރާނެ ކަަމަށެވެ. އަދި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ވަރުގަދަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވިއިރު، އެކި ބޭނުންތަކަށް ލަންކާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާ ލިބުމުގައި ދަތިތައް ކުރިމަތިވެ، އާންމުންގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފަ އެވެ. 

މި މައްސަލައާ ގުޅިގެން ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު "ޑެއިލީ ނިއުސް" އަށް ދެއްވި އިންޓަވިޔުއެއް ގައި ވިދާޅުވީ ވިސާގެ ދަތިތަކަމުގެ ޝަކުވާ ވަރަށް ގިނައިން ލިބޭ ކަމަށާއި، ދުވަސްތަކެއް ފާއިތުވެފައިވާ ކަމަށެވެ. އެކި ގޮތްގޮތުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ލަންކާގެ ފަރާތުން އިޖާބަ ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާރު ދިވެހިންނާ މެދު ލަންކާގެ އިމިގްރޭޝަނުން އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ސަފީރު ވިދާޅުވި އެވެ. 

ސަފީރު ވިދާޅުވީ ލަންކާގެ އިމިގްރޭޝަންގެ ދިގު ކިއުގައި ދިވެހީން ހެނދުނު 9:00ން ހަވީރު 5:00ށް ތިބޭއިރު ވެސް ވަކި ބަޔަކަށް އިސްކަންދީގެން ވިސާ ދޫކުރާ މައްސަލަ ބޮޑު ކަމަށާއި، އޭޖެންޓެއް މެދުވެރިކޮށް އެމަސައްކަތް ކުރުމަށް ވެސް މަޖުބޫރުކުރުވާ ކަމަށެވެ.