ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ލަންކާ ސަރުކާރަށް ފާޑު ވިދާޅުވުމުން އާއްމުންގެ ނުރުހުމާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ރާއްޖެ އާއި ބަދަހި ގުޅުމެއް ބާއްވަމުންދާ އަވަށްޓެރި ސްރީލަންކާގެ ސަރުކާރަށް އޭނާ ފާޑު ވިދާޅުވެފައި ވަނީ  ލަންކާގެ އިދާރާތަކުން ދިވެހިންނާމެދު ތަފާތުކުރާ ކަމަށް ފާހަގަކުރެއްވުމަށް ފަހުގަ އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ޑެއިލީ ނިއުސް އަށް ދިން އިންޓަރވިއު އެއްގައި މަސްއޫދު ވަނީ އި ލަންކާ އިމިގްރޭޝަނުން ދިވެހިންނާއި މެދު "ދޮން މަންމަ" އަކަށް ކަންކަން ކުރާ އުސޫލުން ކަންކަން ކުރާ ކަމަށް ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން މީސްމީޑީއާގައި އާއްމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އާއްމުން ބުނަނީ މިއީ ޑިޕްލޮމަސީ އާއި ބީރައްޓެހި އަމަލެއް ކަމަށެވެ. މިއީ ނަސްލީ ތަފާތު ކުރުމަށް މަގުފަހިވާ ފަދަ ކޮމެންޓެއް ކަމަށް ވެސް ބައެއް އާއްމުން ވަނީ ބުނެފަ އެވެ. ބައެއް އާއްމުން ވަނީ އޭނާގެ އިސްތިއުފާ އަށް ވެސް ގޮވާލާފަ އެވެ. 

ބައެއް އާއްމުން ވަނީ މިއީ ސަރުކާރަށް ލިބޭ ފިލާވަޅެއް ކަމަށް ވެސް ފާހަގަކޮށްފަ އެވެ. ޑިޕްލޮމެޓިކް ދާއިރާގައި މަސައްކަތް ނުކުރާ މީހުން މިފަދަ މަޤާމްތަކަށް އައްޔަން ކުރުމަކީ އަގު ނުކުރެވޭ ވަރުގެ ގެއްލުމާއި ކުރިމަތިލާން ޖެހިދާނެ ކަމެއް ކަމަށް ވެސް އާއްމު މީހަކު ވަނީ ބުނެފަ އެވެ. އިތުރު އާއްމު މީހަކު ވަނީ ޑިޕްލިމެޓުން މި މޭރުމުން އަމަލުކުރުމަކީ ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި ވެއްޓެނީ ދިވެހިންގެ އަގު ކަމަށް ވެސް ބުނެފަ އެވެ. 

މިއީ ރާއްޖޭގެ ފޮރިން ޕޮލިސީ ދޯދިޔާ ވެފައި އޮތް މިންވަރު ރަމްޒުކޮށްދޭ ކަމެއް ކަމަށް މިކަމާއި މެދު ކޮމެންޓް ކުރި ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި ޑިޕްލޮމަސީ ހިންގަނީ ނޫސްތަަކަށް ދޭ އިންޓަރވިއު މެދުވެރިކޮށްތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފަ އެވެ. މިއީ ނާޒުކު ދަނޑިވަޅެއްގައި އިތުރަށް މަސްލަހަތު ގޯސްކުރުން ކަމަށް އެފަދަ ފަރާތްތަކުން ޤަބޫލު ކުރެ އެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނާއި،  ގައުމަށް ދަތުރުކުރާ ދިވެހިން ވިސާ ހޯދުމަށް  ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދިގު ކިޔޫތަކުގައި ތިބެން ޖެހޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. އެއީ ލަންކާގެ އިދާރާތަކުން ދިވެހިންނާ މެދު ނަސްލީގޮތުން ތަފާތުކުރުން ކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ. އެ ގައުމަށް ޒިޔާރަތްކުރާ މެހެމާނުންނަކީ ދޮން ނަސްލުގެ މީހުން އެކަނި ކަމަށްލަންކާ އިމިގްރޭޝަނުގެ އޮފިޝަލުން ހީކުރާ ކަމަށް ބުނެ މައްސޫދު ވަނީ ލަންކާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޑިޕްލޮމެޓުންގެ ދައުރަކީ ހައްސާސް ދަނޑިވަޅުތަކުގައި މަސްލަހަތު ހިފެހެއްޓުމެވެ. އަދި އެއްގައުމާއި އަނެއް ޤައުމާއި ދެމެދު މަސަލަސްކަމާއި އެކު ގާތް ގުޅުމެއް ދެމެހެއްޓުމުގައި އާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި މެދުވެރި އެއްގެ ދައުރު އަދާކުރުން ކަމަށް ވެސް މަސްއޫދަށް ފާޑުކީ ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.