2024 ވަނަ އަހަރު އާސަންދައިން ބިލްތަކަށް ދައްކަން ޖެހޭ 640 މިލިއަން ރުފިޔާ ދައްކާފައި ނުވާ ކަމަށް އާސަންދަ ކުންފުނީގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ. 

އާސަންދައިގެ ޕަރފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ސްކީމްގެ މާލީ ހަރުދަނާކަން ދެމެހެއްޓުމަށާއި، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އިތުބާރު ދެމެހެއްޓުމަށް، ބިލްތަކަށް ގަވާއިދުން ފައިސާ ދެއްކުމަކީ މުހިއްމު ކަމެއް ކަމުގައިވާއިރު، އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ ސްކީމަށް ކުރާ ހަރަދު އިތުރުވަމުން ދާނަމަ، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައުލަތުން ދައްކަންޖެހޭ ފައިސާ ނުދެއްކި، ދެމެހެއްޓެނިވި ގޮތެއްގައި ސްކީމް މެނޭޖު ކުރަން ދަތިވާނެ ކަމަށެވެ. އެގޮތުން، 2023 އަދި 2024 ވަނަ އަހަރު، ކުރީ އަހަރުތަކުގައި ފައިސާ ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލްތަކަށް ފައިސާ ދައްކައިފައި ވީނަމަވެސް، ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ދައްކަން ޖެހޭ 640,608,347 (ހަ ސަތޭކަ ސާޅީސް މިލިއަން ހަ ލައްކަ އަށް ހާސް ތިން ސަތޭކަ ސާޅީސް ހަތެއް) ރުފިޔާ، 2024 ވަނަ އަހަރު ނިމުނުއިރު ހުރިކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އަދި ދައްކަންޖެހޭ ފައިސާގެ އަދަދު އެވަރެޖްކޮށް އަހަރަކު 7 އިންސައްތަ އިތުރުވަމުންދާކަން އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އޮޑިޓުގައި ބުނީ އަމިއްލަ ހޮސްޕިޓަލްތަކުން ދޭ ހިދުމަތްތަކަށް ކްރެޑިޓް މުއްދަތުގެ ތެރޭގައި ފައިސާ ލިބުން ލަސްވުމުގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ހޮސްޕިޓަލްތައް ހިންގުމަށް ކުރަންޖެހޭ ހޭދަ އިތުރުވާކަމަށް އަމިއްލަ ހޮސްޕިޓަލްތަކުން އޮޑިޓަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. 

އޮޑިޓުގައި ހާމަކޮށްފައިވާ އަދަދުތަކަށް ބަލާއިރު، 2024 ވަނަ އަހަރު ސްކީމުގެ ހަަރަދުގެ ގޮތުގައި 2،354،540،884 (ދެ ބިލިއަން، ތިންސަތޭކަ ފަންސާސް ހަތަރު މިލިއަން ފަސް ލައްކަ ސާޅީސް ހާސް އަށްސަތޭކަ އަށްޑިހަ ހަތަރު) ރުފިޔާ ހިމެނޭ އިރު، މީގެ ތެރެއިން ބިލްތަކަށް 2024 ވަނަ އަހަރު ދެއްކީ 2،418،017،947 (ދެ ބިލިއަން ހަތަރު ސަތޭކަ އަށާރަ މިލިއަން ސަތާރަ ހާސް ނުވަސަތޭކަ ސާޅީސް ހަތް) ރުފިޔާ އެވެ. އަދި 2024 ވަނަ އަހަރު ނިމުނު އިރު 640,608,347 (ހަ ސަތޭކަ ސާޅީސް މިލިއަން ހަ ލައްކަ އަށް ހާސް ތިން ސަތޭކަ ސާޅީސް ހަތެއް) ރުފިޔާ ނުދައްކާ އެބަހުއްޓެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ސްކީމް ފަރުމާކޮށް ހިންގަމުންދަނީ ގާނޫނުގައި ތަސައްވުރުކޮށްފައިވާ ގޮތަށްކަން ކަށަވަރު ކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރުމަށްފަހު އަވަސް ފިޔަވަޅުތަކެއް އެޅުމަށާއ، ސްކީމު ހިނގަނީ ގާނޫނުތަކާއި، އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމުގެ ގޮތުން އެ އިދާރާއަކަށް މެންޑޭޓް ކުރެވިފައިވާ އެންމެހައި ކަންކަން ފުރިހަމަ ކުރުމަށާއި، އ.ދގެ ތަރައްގީގެ ލަނޑުދަނޑިތަކުގެ (ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސްގެ) 3 ވަނަ ލަނޑުދަނޑި ކަމުގައިވާ "ޔުނިވަރސަލް ހެލްތް ކަވަރޭޖް" ގެ ތަސައްވަރު ހާސިލްކުރުމަށް، އާސަންދަ ސްކީމަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިނގާ ސްކީމަކަށް ހެދުމަށް އެންމެހައި އިދާރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އިޖްތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ ވުޒާރާ، ސިއްހީ ވުޒާރާ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ އަދި އާސަންދަ މެނޭޖްމަންޓް ބޯޑަށް އަންގާފަ އެވެ. 

އަދި ފަރުވާ ހޯދައި ފަރާތްތަކުން، ތަކުރާރުކޮށް އެއް ތަހުލީލުތަކެއް އެކި މަރުކަޒުތަކުން ހެދުމުގެ ސަބަބުން އާސަންދަ ސްކީމުން ކުރަންޖެހޭ ހޭދަ އިތުރުވަމުން ދާތީ، މިކަމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށާއި، ސިއްހީ ހިދުމަތްތަކަށް އެކި ހޮސްޕިޓަލްތަކުން އެކި ނަންނަމުގައި އެކި އަގުތައް ޗާޖު ކުރާކަން ފާހަގަކުރެވިފައިވާތީ، މިކަން ހައްލުކުރުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ސިއްހީ ވުޒާރާއަށް އަންގާފަ އެވެ.