ނ. މަނަދޫގައި 415،000 ރުފިޔާގެ ރަސްމީ ސްޓޭޖެއް ޑިޒައިންކޮށް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި ނުވާއިރު، މި މަސައްކަތާއި ގުޅޭ ލިޔެކިޔުންތައް މަސައްކަތް ހަވާލުކުރުމުގެ މާފަހުގެ ތާރީހެއްގައި ފުރިހަމަކޮށްފައިވާ ކަމަށް މަނަދޫ ކައުންސިލްގެ އޮޑިޓުން ހާމަވެއްޖެ އެވެ. 

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު މަނަދޫ ކައުންސިލްގެ 2024 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.26 ގައި ބަޔާންކޮށްފައިވާ ގޮތުގައި ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35،000 ރުފިޔާއަށްވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާން ކުރަންޖެހެ އެވެ. އަދި އެ ގަވާއިދުގެ 10.18 ވަނަ މާއްދާގެ (ނ) ގައި ރެސްޓްރިކްޓެޑް ޓެންޑަރިންގެ އުސޫލުން ޕްރޮކިއުމަންޓް ކުރިއަށް ގެންދެވޭނެ ހާލަތުތައް ބަޔާންކޮށްފައިވާ ކަމަށެވެ. 

ނަމަވެސް ކައުންސިލް އިދާރާއިން 2024 ވަނަ އަހަރު މަނަދޫގައި ރަސްމީ ސްޓޭޖެއް ޑިޒައިން ކުރުމާއި އެޅުމުގެ މަސައްކަތް 415،000 ރުފިޔާ އަށް ކުރުވާފައިވާ އިރު މި މަސައްކަތަކީ ކައުންސިލް އިދާރާގެ ބަޖެޓުގައި ހިމަނައިގެން ކޮށްފައިވާ ހަރަދެއް ނޫންކަމާއި މި މަސައްކަތް ކޮށްފައިވަނީ އާންމުކޮށް އިއުލާނު ކޮށްގެން ނޫން ކަަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި މި ގޮތަށް އަމަލުކޮށްފައިވަނީ އީދު ފާހަގަ ކުރުމަށް ވަގުތު ކުޑަތަންވެފައި ވުމާއެކު އިއުލާނުކޮށްގެން ސްޓޭޖް ތައްޔާރުކުރާނެ ފަރާތެއް ހޯދުމަށް އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން ކަމަށް ކައުންސިލް އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް އޮޑިޓުގައި ފާހަގަ ކޮށްފައިވެ އެވެ. 

މީގެ އިތުރުން، މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ ޕްރޮކިއުމެންޓުގެ ކަންކަން ހިންގުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އެއްވެސް އިޖުރާތެއް ފުރިހަމަ ނުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އެގޮތުން ވަކި ބަޔަކާއި މަސައްކަތް ހަވާލުކޮށްގެން ކުރުމަށްފަހު ލިޔެކިޔުންތައް މާފަހުގެ ތާރީހުތަކުގައި ފުރިހަމަކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. 

އެގޮތުން މި މަސައްކަތާ ގުޅޭ ޕާޗޭސް ރިކުއެސްޓް، އަގު ބަލާ ފޯމް އަދި މަސައްކަތުގެ އެއްބަސްވުން ތައްޔާރުކޮށްފައިވަނީ މަސައްކަތް ނިމުނުތާ 2 މަސް ދުވަސް ފަހުން ކަމަށާއި، އަދި ލިޔެކިޔުންތައް ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކުގައި ފުރިހަމަ ކޮށްފައިވާ ކަން ދެއްކުމުގެ ބޭނުމުގައި އެ ލިޔެކިޔުންތަކުގެ ތާރީހު ބަދަލުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ. އަދި މި މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް ކަމާއި، ވާދަވެރި ޕްރޮކިއުމެންޓެއް ކުރިއަށް ގެންދެވިފައި ނުވުމުން މި މަސައްކަތް ކުރުވާފައިވަނީ އެކަށީގެންވާ އަގެއްގައިކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. 

މި މައްސަލައާއި ގުޅިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10.26 ގައި ބަޔާންކޮށްފައިވާ ގޮތަށް ތަކެތި ގަތުމާއި މަސައްކަތްތައް ކުރުވުމާއި ހިދުމަތްތައް ހޯދުމުގެ ޕްރޮޖެކްޓްތަކުގެ އަގު 35،000 ރުފިޔާއަށް ވުރެ ބޮޑުވާނަމަ އާންމުކޮށް އިއުލާނު ކުރުމަށެވެ. އަދި ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ކަންތައްތައް ކުރިއަށް ގެންދިއުމުގެ ކުރިން ފުރިހަމަ ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު ލާޒިމުކުރާ އިޖުރާތުތައް ފުރިހަމަ ކުރަންޖެހޭ މަރުހަލާތަކުގައި ފުރިހަމަ ކުރުމަށް އަންގާފައިވެ އެވެ. 

މީގެ އިތުރުން ކައުންސިލް އިދާރާގައި މިފަދަ މައްސަލަތައް ބެލުމަށް މިނިސްޓަރު ކަނޑައަޅާފައިވާ އިންތިޒާމުގެ ތެރެއިން މި މައްސަލަ ބެލިބެލުމުން އެއްވެސް މީހަކު ނުވަތަ ބަޔަކު ޒިންމާވާންޖެހޭ ކަމަށް ކަނޑައެޅިއްޖެ ނަމަ، އެމީހެއްގެ ނުވަތަ އެ ބައެއްގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން އެ ފަރާތެއް ޖޫރިމަނާ ކޮށް، އެ ފައިސާ ދެއްކުމަށް ވަނީ އަންގާފަ އެވެ.