ކ.ގަމަރުގިރި ކައިރިން ކުނި ހިފައިގެން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި އެވެ. 

ބުރާސްފަތި ދުވަހު އެމްއެންޑީއެފުން ބުނީ، 3 މީހުންނާ އެކު ގަމަރުގިރި ކައިރިން ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް ގައި ރޯވި އަލިފާން ނިއްވުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި މި ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް ބުދަ ދުވަހުގެ ރޭ 19:27 ހާއިރު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ އެކޯ-9 އަލިފާން ނިއްވާ ލޯންޗުގައި ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ދަތުރު ކޮށްފައިވާ ކަމަށެވެ.

މި ދޯނީގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވުނީ ބުދަ ދުވަހުގެ ރޭ 01:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. 

މި ދޯނި ވަނީ ސިފައިންގެ އެހީތެރިކަމާއެކު ތިލަފުއްޓަށް ވައްދާފަ އެވެ.