ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ގައި ބަހައްޓާ ވޯޓު ފޮށިތަކުގެ މައުލޫމާތު އާންމު ކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި އަހަރުގެ އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަހައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަނުގެ މައުލޫމާތު މިހާރު އާންމު ކޮށްފައިވާ ކަމަށެވެ.
މި އިންތިހާބު ގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމްލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓޭނެ އެވެ.
އަދި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓުފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި 2 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިންތިޚާބުގައި ޖުމްލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރެވޭނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.
ވޯޓު ފޮށިތަކުގެ ތަފްސީލްތައް ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ވޯޓު ފޮށިތަކުގެ މައޫލޫމާތު ލިންކު:https://lnk.bio/elections.mv