ބިލު ތަކަށް ފައިސާ ނުދެއްކި އެއްބަސްވުން އައު ނުކުރެވި އޮއްވާ ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލައިފި އެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލާފައިވަނީ އާސަންދައިން އެ ހޮސްޕިޓަލަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ބިލްތަކަށް ފައިސާ ނުދައްކާ އޮއްވަ އެވެ. އެގޮތުން ދައްކަން ޖެހޭ ބިލްތަކަށް 70 މިލިއަނެއްހާ ލަންކާ ރުފިޔާ އަރާކަމަށް މައުލޫމާތު ލިބެ އެވެ. އާސަންދަ އިން މި ބިލުތައް ނުދައްކާ އޮއްވާ އެ ކުންފުންޏާއި ލަންކާ ހޮސްޕިޓަލާއި ދެމެދު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ. 

މަައުލޫމާތު ލިބޭ ގޮތުގައި އާސަންދަ ކުންފުންޏާއި، ލަންކާ ހޮސްޕިޓަލާއި ދެމެދު ވެފައިވާ އެއްބަސްވުން މިދިޔަ އަހަރު ހަމަވެއްޖެ އެވެ. އަދި ފަހުން ހިދުމަތް ދިނީ ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބިލްތަކަށް ފައިސާ ނުދައްކާ އޮތުމުން އެއްބަސްވުން އައު ކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެ މަޝްވަރާ ކޮޅެއްގައި ނުޖެހި ވަނީ ނިންމާލާފަ އެވެ. 

މިއީ ރައީސް މުއިއްޒުގެ ސަރުކާރު އައި ފަހުން ލަންކާ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލި ދެވަނަ ފަހަރެވެ. މީގެ ކުރިން މިދިޔަ އަހަރުގެ އެޕްރީލް މަހުގައި ވެސް ލަންކާ ހޮސްޕިޓަލްސް އިން އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލި އެވެ. އެއިރު ވެސް ލަންކާ ހޮސްޕިޓަލުން އާސަންދަ ކަނޑާލީ ބިލުތަކަށް ފައިސާ ނުދައްކާތީ އެވެ. ނަމަވެސް ފަހުން އެ ފައިސާ ދެއްކި ކަމެއް އާސަންދައިން ފަހުން ހާމަ ނުކުރެ އެވެ. 

މިދިޔަ އަހަރު ލަންކާ ހޮސްޕިޓަލުން އާސަންދަ މެދުކަނޑާލީ، ބިލްތައް ނުދައްކާ ހުރުމުން ކްރެޑިޓް އަށް ޚިދުމަތް ނުދޭނެ ކަމަށް ބުނެ އެވެ. އެއިރު ވެސް މިލިއަނަކަށްވުރެ ގިނަ ދިވެހި ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. 

ލަންކާ އަކީ ދިވެހިން ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް އެންމެ ގިނައި ދާ އެއް ގައުމެވެ. އެގޮތުން ބޭސްފަރުވާ ހޯދުމަށް އެ ގައުމުގައި ދިގު މުއްދަތަކަށް ދިރިއުޅޭ ދިވެހިން ވެސް ގިނަކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އިތުުރުން މި ސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ވެސް އާސަންދަ ދިނުން ހުއްޓާލި އެވެ. 

ސިއްހީ ޚިދުމަތުގެ ފެންވަރު ދަށްވެ، ބޭސް ލިބޭނެ ގޮތެއް ނެތި އެތައް ބައެއްގެ ޝަކުވާ ދާދި ފަހުން ރައީސް މުއިއްޒު ބޭއްވެވި ރައްޔިތު ބައްދަލުވުން ތަކުގައި ވެސް މުއިއްޒު އަށް ވަނީ ހުށަހަޅާފަ އެވެ.