ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 160 މިލިއަން ރުފިޔާ ޚަރަދުވާ ކަމަސާ އެއީ 10  ރަށުގެ ފެނާ ނަރުދަމާ އެޅޭނެ ފައިސާ ކަމަށް އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީ އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ މި އަހަރު ނިމޭއިރު ދައުލަތުގެ ދަރަނި 168 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. މިދިއަ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދަރަނި ހުރީ 126 ބިލިއަން ރުފިޔާގައި ކަން ފާހަގަ ކުރައްވާ ޣަފޫރު ވިދާޅުވީ ދައުލަތުގެ މުޅި ދަރަނީ ގެ 28 އިންސައްތަ އަކީ މުއިއްޒުގެ މި ސަރުކާރުން އުފައްދާފައިވާ ދަރަނި ކަމަށެވެ. 

މިއީ ވޭތުވެދިޔަ ހަ ސަރުކާރުގައި ވެސް ނުއުފައްދާ ވަރުގެ ބޮޑު ދަރަންޏެއް ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

އެމްޑީޕީގެ ސަރުކާރުގައި ދަރަނި ބޮޑުވިކަން ގަބޫލު ކުރައްވާ ކަމަށާ އެކަން ދިމާވީ ކުރިމަތިވި ހާލަތެެއްގެ ސަބަބުން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އެގޮތުން ކޮވިޑް 19 އާ ގުޅިގެން އެކަށީގެންވާ އާމްދަނީ އެއް ނުލިބި ޚަރަދުތައް ކުރަން ޖެހުނު އިރު ދިމާވި ހަގީގީ ހާލަތެއް ކަމަށް ޣަފޫރު ވިދާޅުވި އެވެ. ދިމާވި ހުރިހާ ކަމަކާ އެކުވެސް އެ ދުވަހު ވެސް ރައްޔިތުން ތިބީ އުފަލާ އަރާމުގައި ކަމަށް ޣަފޫރު ވިދާޅުވި އެވެ. 

ނަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު ރައްޔިތުން ދިރިއުޅެމުން ދަނީ އެއަށްވުރެ ދަތި ހާލުގައި ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. ޣަފޫރު ވިދާޅުވީ މި ސަރުކާރުން ކުރާހާ ވެސް ކަމަކީ ދާރާފައިވާ ދަރަންޏެއްގެ ވާހަކަ ދައްކައިގެން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް އުޒުރުވެރި ވުން ކަމަށެވެ. 

އެމެރިކާ ސަރުކާރުގައި ތިބީ 4،000 ސިޔާސީ ބޭފުޅުން. މި ސަރުކާރުގައި އެބަތިބި 4،100 ސިޔާސީ ބޭފުޅުން. މި ބޭފުޅުންގެ މުސާރައަށް މަހެއްގެ މައްޗަށް 160 މިލިއަން ރުފިޔާ ޚަރަދުކުރަމުން އެބަ ގެންދޭ. އެއީ 10 ރަށުގެ ފެނާއި ނަރުދަމާ އަޅާނެ ލާރި. ދެން ރައްޔިތުން ކައިރިއަށް ގޮސް ދެ އިންތިޚާބު އެއްކޮށްލަނީ ދައުލަތުގެ ޚަރަދު ކުޑަކުރަންށޭ ދެއްކީމާ ލަދު ކަމެއް މިއީ،
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މިއަދު ދައްކާނީ ދެ އިންތިޚާބު އެއްކޮށްލާ ވާހަކަ ކަމަށާ މާދަމާ ދައްކާނީ ތިން އިންތިޚާބު އެއްކޮށްލާ ވާހަކަ ކަމަށެވެ. އޭގެ ފަހުން ދެން ދައްކާނީ 10 އަހަރު ދުވަހަށް ދައުރު ދަންމާލާ ވާހަކަ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އެހެން ކަމުން މިކަމަށް މިއަދު ދިވެހި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެން ދިއަ އިރު 38 އިންސައްތަ ދަރަނި އިތުރު ކޮށްފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެއް ކަމުގައިވާ އިސްމާއިލް ޒަރިޔަންދު ވަނީ މި ފަހުން ވިދާޅުވެފަ އެވެ. މީގެ އިތުރުން ރާއްޖެ ދަރަނިވެރިވުމުގެ ފުުރުސަތު ބޮޑު ކަމަށް ރޭޓިން އޭޖެންސީ ފިޗުން ވެސް ވަނީ މިދިއަ ޑިސެމްބަރު މަހު ހާމަކޮށްފަ އެވެ.