ތޮށަލި ތަކުރާ ޖެހުނު ވިގަންޏަށްވުރެ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވެރިކަން ދިވެހި ރައްޔިތުންނަށް ގޯސް ވެއްޖެ ކަމަށާއި، މި ސަރުކާރުން ކުރަން އުޅޭ ކަމެއް، ކުރާނެ ކަމަށް އަދި ހަދަން އުޅޭ ގޮތެއް އެނގޭ ދިވެހި ރައްޔިތަކު ނެތް ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން  ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ  ވިދާޅުވީ ވާންވީ ގޮތެއް، ކުރަންވީ ކަމެއް، ހަދަން އުޅޭ ގޮތެއް، ކުރަން އުޅޭ ކަމެއް މިހާރު ރައްޔިތުންނަށް ސާފެއް ނުވާ ކަމަށެވެ. އީސަ ވިދާޅުވީ މީގެ ކުރިން ހީވީ ސިޔާސީ ފިކުރު ދިމާ ނުވާތީ ރައީސް މުއިއްޒު ކުރައްވަން އުޅުއްވާ ކަންކަން އޮޅުން އަރަނީ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވަޒީރުންނަށް ވެސް އެމަނިކުފާނު ކުރައްވަން އުޅޭ ކަމެއް އެނގިވަޑައިގަންނަވާ ގޮތަކަށް ގައުމު ނުހިންގަވާ ކަމަށެވެ. 

އީސަ ވިދާޅުވީ ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރޭގައި ރަށްރަށް ފަޅު ކުރައްވާ ކަމަށާއި، މާލެ ވަޑައިނުގެންނެވެނީސް ފަޅު ކުރެއްވި ރަށުގެ ބަނދަރު ކޮންނަން ސަރުކާރުގެ ކުންފުންޏަކާއި ސޮއިކޮށް މަސައްކަތް ހަވާލު ކުރައްވާ ކަމަށެވެ. އީސަ ވިދާޅުވީ އެކަން ކުރުމަށްފަހު ފަޅު ކުރި ރަށުގައި މީހުން ތިއްބާ ވަންނާނެ ގެދޮރެއް ތަނެއް ނެތި އެހެން ރަށަކަށް އެމީހުން ގެ ރަޖިސްޓްރީ ބަދަލުކޮށްލާފައިވާ ކަމަށެވެ. 

އެމީހުން އެތިބީ ހަދާނެ ގޮތެއް ނޭނގިފައި. އަޅުގަނޑުމެންނަށް ވެސް ނޭނގެ ހަދަން އުޅޭނީ ކީއްކަމެއް ވެސް. އެއްދުވަހު ސޯޝަލް ހައުސިންގެ ޑިޕޮސިޓް ބޮޑުކުރާނެ، އަނެއް ދުވަހު އިންތިހާބުގެ ކެމްޕޭނަށް އެތަނަށް ދާއިރަށް މީހަކު ހަޅޭލަވާ އިރަށް ޑިޕޮސިޓް ކުޑަކުރައްވާނެ. މިއިން އެއްވެސް ކަމަކަށް ދިރާސާ ކުރުމެއް، ބަޖެޓް ކުރުމެއް ދައުލަތުގެ ހަރަދަށް ވާނެ ގޮތެއް ލިބޭ އާމްދަނީއަކަށް ވާގޮތެއް ބެލުމެއް ނެތް. މަސް ގަންނަ އަގު އެއްދުވަހު ކުޑަ ކުރާނެ އަނެއް ދުވަހު ބޮޑު ކުރާނެ. އީއައިއޭއެއް ދިރާސާކުރުމެއް ނެތި ގޮނޑުދޮށުގައި ހުންނަވާ ޕްރޮޖެކްޓް އެބަ އުފަންކުރުވާ. 
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ 

އީސަ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެންމެ ގިނަ އަދަދަކަށް ވޯޓު އެޅީ ރިސޯޓް މުވައްޒަފުން ކަމަށާއި، މިއަދު އެމީހުންނަށްވި ވައުދު އޮތް ހިސާބެއް އެއިން މުވައްޒަފަކަށް ނޭނގޭ ކަމަށެވެ. ކޮންމެ އިންތިހާބަކަށް ރިސޯޓް މުވައްޒަފުންނަށް ވައުދުވަމުން ދާއިރު މިހާތަނަށް އެއިން އެއްކަމެއް ވެސް ނުފުއްދޭ ކަމަށާއި، ރިސޯޓް މުވައްޒަފުން މިހާރު ތިބީ ހެދުނު މޮޔައިން ބޮލުގައި އަތް އަޅައިގެން އަނގައިން ސޮނިވެއްޓިފައި ކަމަށެވެ. 

އީސަ ވިދާޅުވީ ޑޮލަރުގެ އަގު ތިރިކުރަން އައި ސަރުކާރަށް އެކަން ނުވެ، ޑޮލަރުގައި ހިފައިގެން ތިބި ވިޔަފާރިވެރިންނާ އެކު ޑޮލަރުގެ އަގު މައްޗަށް އަރައިގެން ގޮސްފި ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ނ. އަތޮޅުގެ ފަޅެއް، މާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތަށް ބޭރުގެ މުއްސަނދި ކުންފުންޏަކަށް ތަރައްގީ ކުރުމަށް ދޭން އުޅުމުން މި ސަރުކާރުގެ ވެރިން ގޮވަމުން ދިޔައީ ރާއްޖެ ވިއްކާލާ ވާހަކަ ކަމަށާއި، މިއަދު ފެނިގެން މިދަނީ އެ ކުންފުންނަށް ބޮޑު ޓައުންޝިޕެއް އަޅަން ޓެކްސް ފްރީ ޒޯނެއް ކަނޑައަޅައި ދީފައިވާ ކަމަށެވެ. 

މިއަދު ވެރިކަމަށް ވަޑައިގެން ގޮތަށް ހަމަ އެ ކުންފުންޏަށް އެތަނުުގައި ބޮޑު ޓައުންޝިޕެއް އަޅަން ޓެކްސް ފްރީ ޒޯނެއް ކަނޑައަޅައި ދީމި. މިއަދު އެ ކިޔަނީ މުއިއްޒު ގަދަކަމުން ގެނައި އިންވެސްޓަރެކޭ، މުއިއްޒު ދުބާއީގެ އިންވެސްޓްމަންޓް ފޯރަމަށް ދިޔަ އިރުގައި އެތަނުގައި ދަތްދޮޅީގައި އަތް ވިއްދާލައިގެން އިންދާ ގެނައި މީހެކޭ. ބައްލަވާ އަޅުގަނޑުމެންގެ ވެރިކަމުގައި އެމީހާ ގެނެސް އެ ފަޅު ހިއްކާ ނިމިއްޖެ. 28 ރަށް އެ ފަޅުގައި ހިއްކާ ނިމިއްޖެ އަޅުގަނޑުމެންގެ ވެރިކަން ނިމުނު އިރުގައި. 
ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ 

އީސަ ވިދާޅުވީ މިހާރުގެ ސަރުކާރުން މިއަދު އުޅެނީ މެޑަލް ޖެހުމުގައި ކަމަށާއި، އިންޑިއާ ކުންފުނިތަކަށް އެއަރޕޯޓް ހިންގަން ދޭން ވެސް ވެރިކަމުގައި ތިބި ބޭފުޅުންގެ މައްސަލަ އެއް ނެތް ކަމަށެވެ. އަދި ބޭރުގެ ކުންފުންޏަކަށް ކަނޑުގެ މައި ދޮރާށި ވިއްކާލާކަށް ވެސް މައްސަލައެއް ނެތް ކަމަށެވެ.