ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެން އޮތް 33.7 މިލިއަން ޑޮލަރު ރާއްޖެ އަށް ގެއްލުމުގެ ޒިންމާ ސަރުކާރުން ނަގާ، ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު، ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ޑރ.ޝަމްހީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި،  ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާއި ހެދި އާއްމުންނަށް ބޮޑެތި އެތައް ގެއްލުމެއް ވާ ކަމަށް ވަނީ ވިދާޅުވެފައި އެވެ. ހާއްސަކޮށް ދަރަނި މެނޭޖުކުރުމުގައި ފެއިލްވުމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެންއޮތް 33.7 މިލިއަން ޑޮލަރ (519 މިލިއަން ރުފިޔާ) ގެ އެހީ ނުލިބި، ގެއްލިގެން ހިނގައްޖެކަމުގެ މައުލޫމާތު ލިބޭ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ޝަމްހީދު ވިދާޅުވީ އެހެން ޤައުމެއްގައި ނަމަ، މަޖިލީހުގައި މިއަދު ހިނގަމުން ދާނީ ވަޒީރު މަގާމުން ވަކިކުރުމުގެ ބަހުސް ކަމަށެވެ.

އެކަމާއި މެދު ރާއްޖެ އެމްވީ އިން ސުވާލުކުރުމުން ޝަމްހީދު ވިދާޅުވީ މިކަމުން ދޭހަވާ ހަގީގަތަކީ  ރާއްޖޭގެ ދަރަނީގެ ހާލަތު ދަނީ އިތުރަށް ގޯހުން ގޯހަށް ކަމެވެ. އަދި މިއީ ޖަވާބުދާރީ ނުކޮށް ވަރިހަމަކޮށްލައިގެން ތިބޭ ވަރަށް ވުރެ ސީރިއަސް މައްސަލަ އެއް ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ. 

ޝަމްހީދު ވިދާޅުވީ އެ ފައިސާ ގެއްލެނީ ރާއްޖެ އިން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި ޚިލާފު ވެގެން ކަމަށާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ލިބެން އޮންނަ އެހީ ވެސް ސަރުކާރަށް ނުލިބެނީ ކަންކަން ހިންގަން ނޭނގޭތީ ކަމަށް ޑރ.ޝަމްހީދު ވަނީ ވިދާޅުވެފަ އެވެ.