ސަރުކާރަށް ކުރެވޭހާ ވެސް ކަމަކީ ރައްޔިތުންގެ ބޮލުގައި ތެތް ގޯނި އެޅުވުން ކަމަށާއި ވައުދު ފުއްދޭތަނެއް ނުފެންނަ ކަމަށް ހދ.ކުމުންދޫ އަށް ނިސްބަތްވާ އާއްމު މީހަކު ބުނެފި އެވެ.

އޭނާ އެފަދައިން ބުނީ ރާއްޖެޓީވީގެ ހާލު ކިހިނެއް ޕްރޮގްރާމްގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އެ ރަށު ބަނދަރަށް ވަދެ ނުކުތުމުގައި ހުރި ދަތިތައް ވަރަށް ބޮޑުކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ބަނދަރު ހަދައި ދިނުމަށް ރައީސް ވީ ވައުދު ވެސް ނުފުއްދާ ކަމަށާއި ދައްކަނީ ހުވަފެން ކަމަށް އެ އާއްމު މީހާ ވަނީ ބުނެފަ އެވެ. ރައީސް މުއިއްޒު އާއި ސަރުކާރުން އާއްމުންނަށް އޮޅުވާލާ ދޮގު ހަދަމުންދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ދޮގު މައްޗަށް ދޮގު ހަދަނީ. ވައުދު ވަނީ. ވައުދު ފުއްދާ ތަނެއް ނާދޭ." އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ބޭސްފަރުވާގެ އިންތިޒާމްތައް ވެސް މި ސަރުކާރު އައުމާއި އެކު ދޯހަޅިވެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ބޭސްކޮޅު ނުލިބިގެން ގިނަ ފަހަރު ޖެހެނީ ސަލާން ޖަހަން ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މިހާރު ބޭސްފަރުވާ ހޯދަން ޖެހެނީ ވެރިން ކައިރީގައި އާދޭސްކުރަން ކަމަށާއި އެއީ ވަރަށް ހަޑި ކަމެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"އިތުރުފުޅު ހައްދަވަނީ. ދޮގުހަދާ މީހުންނަށް އިތުބާރު ނުކުރެވޭނެ. ވާވަރުން ކޮށްދޭނަމޭ ބުނާނީ. ފައިދަށަށް ގޮސް އާދޭހެއް ނުކުރޭ. ސަރުކާރުން ކޮށްދޭން ބޭނުންވާ ކަންކަން ކޮށްދިނީމަ އިތުބާރެއް އުފެދުނީ" އޭނާ ވަނީ ބުނެފަ އެވެ.

ތަކެތީގެ އަގުތައް އިންތިހާ އަށް އަގު މައްޗަށް ދާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. މި ދައުރު ފެށުމުގެ އެއްމަސް ދުވަހާއި މިއަދާއި އަޅާ ކިޔާ ނަމަ ތަކެތީގެ އަގަށް އައި ނު ރަނގަޅު ބަދަލު ވަރަށް ރަނގަަޅަށް ހާމަވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.