ހޯރަފުށީ އެއަރޕޯޓުގައި އިންދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލައިފި އެވެ.

އެ އެއާރޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުނީ ވަރަށް ގިނަ ދުވަހުން އިންދާ ހައްދާފައިވާ ގިނަ އަދަދެއްގެ ގަސްތައް ނަގާ އުކާލީ އެއަރޕޯޓުގެ މެނޭޖުމަންޓުން އަންގައިގެން ކަމަށެވެ.

ސަބަބެއް ކަމަށް ބުނެފައިވަނީ، އެއަރޕޯޓު ފެންސް ސެކިއުރިޓީ މުވައްޒަފުންނަށް ނުފެންނާތީ ކަމަށެވެ.

ދާދި ފަހުން މޫނު ނިވާކޮށްގެން ހުރި މީހަކު ދަންވަރުގެ ވަގުތެއްގައި ހޯރަފުށީ އެއަރޕޯޓުގައި ހުންނަ މޯލްޑިވިއަން ގެ އޮފީސް ފަޅާލައިގެން ދެ ޕާރުސަލު ވަގަށް ނަގާފައިވެ އެވެ.

މުވައްޒަފަކު ކިޔައިދިން ގޮތުގައި، ސެކިއުރިޓީ ހާލަތު ރަނގަޅު ކުރަން ފެންސް ކައިރީގައި އިތުރު އަލިކަމެއް ބޭނުންވާ ކަމަށް މުވައްޒަފުން ބުނުމުން އެކަން ކުރުމުގެ ބަދަލުގައި އެ ސަރަހައްދުގައި ރީތި ކޮށް ހެދިފައިވާ ގަސްތައް ނަގާ އުކާލީ އެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހޯރަފުށީ އެއަރޕޯޓުގެ ހޭޅިފަށުގައި ހުރި ގިނަ އަދަދެއްގެ ގަސްތައް ވެސް "ވެރިން އަންގައިގެން" ވަނީ ނަގާ އުކާލާފަ އެވެ. އެކަމުގެ ސަބަބެއް ކަމަށް އެކަން ކުރި މުވައްޒަފުންނަށް އެންގި ކަމަށްވަނީ އެއަރޕޯޓު ސަރަހައްދުގައި މީދާ ގިނަވަމުންދާތީ ކަމަށެވެ.

ހޯރަފުށީ އެއަރޕޯޓު ފެހި ކުރުމަށް ގިނަ އަދަދެއްގެ ގަސް އިންދާފައި ވަނީ ރައްޔިތުންގެ ބުރަ މަސައްކަތުންކަން އެއަރޕޯޓުން ވާހަކަ ދެއްކި އެތަނުގެ މުވައްޒަފަކު ބުންޏެވެ.

މި ސަރުކާރުގެ ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއަރޕޯޓު މަރާމާތު ކޮށް ބެލެހެއްޓުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، އެއަރޕޯޓު ސަރަހައްދުގެ ފެންސް ގެ އިތުރުން ޓާމިނަލް ބިލްޑިންގ މަރާމާތު ކުރަން ވެސް ތަކެއްޗެއް ވެސް ފައިސާ އެއް ވެސް ނުލިބޭކަން މުވައްޒަފުން ފާހަގަ ކުރެ އެވެ.

ޓާމިނަލް އިމާރާތުގެ ތެރޭގައި ބޮތްކެއް އެނދިޔަސް ބޮތްކެއް ވަރުވެސް ނުލިބޭ، ވަރަށް ހާލުގައި މިތަން މި އޮޕަރޭޓް ކުރަނީ،" މުވައްޒަފަކު ބުންޏެވެ.

"މެޝިނެއް ހަލާކުވިޔަސް، ޓިނު ގަނޑެއް ފޫދިޔަޔަސް އެ ހުރި ގޮތަކަށް ބަހައްޓައިގެން އޮޕަރޭޓް ކުރަމުން ގެންދަނީ، މިހާރު ވެސް ރޭގަނޑު ފްލައިޓް ޖައްސަން ރަންވޭގެ އެއްކޮޅުގައި ހުންނަ މުހިންމު ލައިޓެއް ވަނީ އަނދާފައި، އެ ލައިޓް އަނދާފައި ހުއްޓާ ބޯޓު ޖައްސަނީވެސް،" އެއަރޕޯޓުން ވާހަކަ ދެއްކި މުވައްޒަފަކު ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އެއަރޕޯޓުގެ ހާލަތު ދުވަހެއް ދުވަހެއް ދަށްވަމުން ދިޔަ ނަމަވެސް މުވައްޒަފުންގެ އަދަދު މި ސަރުކާރުން ވަނީ އިތުރު ކޮށްފަ އެވެ. 

ހޯރަފުށީ އެއަރޕޯޓުން ގިނަ އަދަދެއްގެ ގަސްތައް އެކި ފަހަރު މަތިން ނަގާ އުކާލާފައިވާއިރު، މާލޭ އަމީނީ މަގު ފުޅާ ކުރުމުގެ މަޝްރޫއުގެ ދަށުން އެ މަގުގައި ހައްދާފައި ހުރި ދުވަސްވީ އެތައް ގަހެއް ވެސް ސަރުކާރުން ވަނީ ނަގާ އުކާލާފަ އެވެ.