ދައުރުން ބޭރުން މިހާރު ކުރިއަށް ގެންދާ މަޖިލީހުގެ  ޖަލްސާތަކަކީ ޣައިރު ގާނޫނީ އަދި ގާނޫނުއަސާސީއާ ހިލާފު ޖަލްސާތަކެއް ކަމަށް އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުން ގަބޫލުކުރާތީ އެ ޖަލްސާތައް ބޮއިކޮޓް ކުރަން އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕް ގައި ހިމެނޭ މުހައްމަދު އިބްރާހިމް (ކުޑޫ) މިކަން ހާމަ ކުރެއްވީ ހޯމަ ދުވަހުގެ ރޭ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ކުޑޫ ވިދާޅުވީ އެހެންކަމުން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޖަލްސާތަކުގައި ބައިވެރިނުވުމަށް (ބޮއިކޮޓް ކުރުމަށް) އެ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ.

މަޖިލިސް ޗުއްޓީގައި އޮއްވައި، އެކަށީގެންވާ ނޯޓިހެއް ދިނުމަކާ ނުލައި، ގާނޫނުއަސާސީގެ 83 ވަނަ މާއްދާއާއި 88 ވަނަ މާއްދާއާ ހިލާފަށް ކުއްލި ޖަލްސާތަކެއް މި ބާއްވަނީ ގާނޫނުއަސާސީ އަށް އަވަސް އަރުވާލައިގެން ބަދަލުތަކެއް ގެނައުމަށް ކަމަށް ވެސް ކުޑޫ ވިދާޅުވެފައިވެ އެވެ.

މިފަދަ ޣައިރު ދިމިގްރާތީ އަމަލުތައް ދިފާއުކުރެވޭނެ ކުއްލި ދުސްތޫރީ ހާލަތެއް ނެތްއިރު، ކުއްލި އަކަށް ޖަލްސާ ބާއްވައިގެން ރައްޔިތުން ތަމްސީލު ކުރުމަށް އޮތް ހައްގަށް ހުރަސް އެޅިފައިވާކަން ވެސް ކުޑޫ ވަނީ ފާހަގަ ކުރައްވާފަ އެވެ.