ގްރީންލޭންޑަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕް ދެއްވަމުން ގެންދަވާ އިންޒާރުތައް ހުއްޓާލުމަށް ޑެންމާކުގެ ބޮޑުވަޒީރު އެދިވަޑައިގެންފިއެވެ.

ބޮޑުވަޒީރު މެޓް ފްރެޑްރިކްސަން ވިދާޅުވީ، ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހަދަންޖެހޭ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ބުރަދަނެއް ހުރި ސަބަބެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ޑެންމާކްގެ ރަސްކަމުގެ ދަށުގައިވާ ތިން ބިމުގެ ތެރެއިން އެއްވެސް ތަނެއް އެމެރިކާގެ ދަށަށް ގެނައުމުގެ އެއްވެސް ހައްގެއް އެމެރިކާ އަށް ލިބިގެން ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބޮޑުވަޒީރު މިހެން ވިދާޅުވީ، ޓްރަމްޕްގެ އަރިސް ފަރާތެއް ކަމަށްވާ ސްޓީވަން މިލާގެ އަންހެނުން ކޭޓީ މިލާ، އެމެރިކާގެ ދިދައިގެ ކުލަތަކުން ފަރުމާކޮށްފައިވާ ގްރީންލޭންޑްގެ ޗާޓެއް، "މާލަަަސްތަކެއް ނުވެ" (SOON) މި ލަފުޒާއެކު އެކްސްގައި ހިއްސާކުރުމާ ގުޅިގެންނެވެ.

ގްރީންލޭންޑަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަހައްދެއްގައި އޮތް އަދި ގުދުރަތީ މައުދަނުން މުއްސަނދި ތަނަކަށް ވުމުން، އެތަނަކީ އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމުގެ ފުރުސަތު އޮތްކަމަށް ޓްރަމްޕް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ފްރެޑްރިކްސަންގެ ވާހަކަތަކަށްފަހު ޓްރަމްޕް ވަނީ އޭނާގެ އެ ނިންމެވުން އިތުރަށް ދިފާއުކުރައްވާފައެވެ.

ޑެންމާކް ސަރުކާރުގެ ވެބްސައިޓުގައި ޝާއިއުކުރި ބަޔާނެއްގައި ފްރެޑްރިކްސަން ވިދާޅުވީ، އޭނާ އެމެރިކާ އާ މުހާތަބު ކުރައްވަނީ ވަރަށް ސީދާކޮށް ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ޑެންމާކާއި ގްރީންލޭންޑަކީ ނޭޓޯގެ މެންބަރުން ކަމަށްވުމުން، އެ އިއްތިހާދުގެ ރައްކާތެރިކަން އެ ސަރަހައްދަށް ލިބިގެންވެއެވެ. އަދި އެމެރިކާއާއެކު ވެފައިވާ ދިފާއީ އެއްބަސްވުމެއްގެ ދަށުން ގްރީންލޭންޑަށް ވަނުމުގެ ފުރުސަތު އެމެރިކާއަށް މިހާރުވެސް އޮތްކަމަށާއި، އާކްޓިކް ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ޑެންމާކުން ކުރާ ހޭދަ މިހާރު އިތުރުކޮށްފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންކަމުން، ތާރީޚީ ގޮތުން ގާތް އެކުވެރިއަކަށް އަދި ވިއްކާލަން އޮތް ތަނެއް  ނޫން ކަމަށް ވަރަށް ސާފުކޮށް ބުނެފައިވަނިކޮށް ދެމުންދާ އިންޒާރުތައް ހުއްޓާލުމަށް އަޅުގަނޑު އެމެރިކާ އަށް ވަރަށް ބޮޑަށް ބާރުއަޅަން،" ބޮޑުވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، އޭގެ މަދު ގަޑިއިރުތަކެއް ފަހުން އެއަރ ފޯސް ވަންގައި ދަތުރުކުރައްވަމުން ޓްރަމްޕް ވަނީ އެ އަމާޒު އަލުން ތަކުރާރު ކުރައްވާފައެވެ. "ގައުމީ ސަލާމަތީ ނަޒަރަކުން ބަލާއިރު އަހަރެމެންނަށް ގްރީންލޭންޑް ބޭނުންވޭ، އަދި ޑެންމާކަށް އެތަން ބެލެހެއްޓޭކަށް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ.

މީގެ ކުރިން، އެމެރިކާގައި ހުންނަވާ ޑެންމާކްގެ ސަފީރު ވަނީ ކޭޓީ މިލާ ކުރެއްވި ޕޯސްޓަށް ރައްދު ދެއްވާފައެވެ. ސަފީރު ވަނީ ދެ ގައުމަކީ އެކުވެރިން ކަން ހަނދާންކޮށްދެއްވައި، ޑެންމާކްގެ އިސްތިގުލާލަށް އެމެރިކާ އިން އިހުތިރާމް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބަހުގެ ހަމަލާތައް ބަދަލުކުރެވެމުން މި މިދަނީ، ހޮނިހިރު ދުވަހު އެމެރިކާ އިން ވެނެޒުއޭލާ ގައި ހިންގި އަސްކަރީ އޮޕަރޭޝަނެއްގައި އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް، ނިއުޔޯކަށް ގެންގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕް ފަހުން ވިދާޅުވި ގޮތުގައި، ދެން ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށާއި، އެމެރިކާގެ ތެޔޮ ކުންފުނިތަކުން އެ ގައުމަށް ފައިދާ ހޯދައިދޭން ފަށާނެއެވެ.

އާކްޓިކް ސަރަހައްދުގައި އޮންނަ ބޮޑު ރަށެއް ކަމަށްވާ ގްރީންލޭންޑްގެ ކޮންޓްރޯލް ހޯދުމަށް ބާރުގެ ބޭނުންކުރުމުގެ ފުރުސަތު އޮތްކަމަށް މީގެ ކުރިންވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތުގައި، ގްރީންލޭންޑް އެމެރިކާގެ ބައެއްގެ ގޮތުގައި ހެދުމަކީ، އެތަނުގެ ސްޓްރެޓިޖިކް މަގާމާއި ހައި-ޓެކް ސިނާއަތްތަކަށް މުހިންމު މައުދަނުތައް އެތަނުގައި ގިނަ އަދަދަކަށް ހުރުމުގެ ސަބަބުން، އެމެރިކާގެ ސަލާމަތީ މަސްލަހަތުތަކަށް އޮތް ފައިދާއެކެވެ.

ގްރީންލޭންޑަށް އެމެރިކާގެ ފަރާތުން ހާއްސަ މަންދޫބަކު އައްޔަންކުރުމަށް ޓްރަމްޕްގެ ސަރުކާރުން ދާދި ފަހުން ނިންމި ނިންމުމާ ގުޅިގެން ވެސް ޑެންމާކުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.

ގާތްގަނޑަކަށް 57،000 މީހުންގެ އާބާދީއެއް އޮންނަ ގްރީންލޭންޑަކީ 1979 ވަނަ އަހަރުން ފެށިގެން އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ތަނެކެވެ. ނަމަވެސް އެ ސަރަހައްދުގެ ދިފާއީ އަދި ޚާރިޖީ ސިޔާސަތުތައް އަދިވެސް ބަލަހައްޓަނީ ޑެންމާކުންނެވެ.

ގްރީންލޭންޑްގެ ގިނަ ރައްޔިތުން ޑެންމާކުގެ ކިބައިން މިނިވަންވުމަށް ބޭނުންވި ނަމަވެސް، ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާގެ ބައެއްގެ ގޮތުގައި ވުމަށް އެ ގައުމުގެ ރައްޔިތުން ތިބީ ދެކޮޅަށެވެ.