މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) 2024 ވަނަ އަހަރުގެ އަހަރީ ބޯނަސް ދެވޭނެ ދުވަހެއް އެނގޭނީ  އަހަރީ އާއްމު ޖަލްސާ ބޭއްވުމަށްފަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.  

ސީއީއޯ މުހައްމަދު ރިޝްވާން ސޮއި ކުރައްވައި ހުރިހާ މުވައްޒަފުންނަށް ފޮނުވާފައިވާ އިންޓާނަލް މެމޯއެއް ރާއްޖެއެމްވީ އަށް ވަނީ ލިބިފަ އެވެ.

މި މެމޯގައި ބުނެފައިވަނީ އެ ކުންފުނީގެ 2024 ވަނަ އަހަރުގެ އަހަރީ ބޯނަސް ދިނުން ލަސްވެފައި ވަނީ އަހަރީ އާއްމު ޖަލްސާ ބޭއްވުން ލަސްވުމާ ގުޅިގެން ކަމަށެވެ. މި ޖަލްސާ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ބޭއްވުމަށް މިހާރު ތާވަލު ކުރެވިފައިވާ ކަމަށް މެމޯގައިވެ އެވެ.

ނަމަވެސް މުވައްޒަފުންނަށް ބޯނަސް ދެވޭނެ ވަކި ތަރީހެއް ކަނޑައެޅިގެން ދާނީ މި ޖަލްސާ އަށް ފަހުގައި ކަމަށް ބުނެފައިވެ އެވެ. 

ޕޯޓްސް ގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަހަރީ ބޯނަސް ދިނުން ލަސްވެފައިވާތީ މުވައްޒަފުންގެ ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މުވައްޒަފެއް ބުނީ ކޮންމެ އަހަރެއްގެ ވެސް އަހަރީ ބޯނަސް އަށް މުވައްޒަފުން ވަރަށް އިންތިޒާރު ކުރާ ކަމަށާއި، 2024 ވަނަ އަހަރުގެ އަހަރީ ބޯނަސް ލިބުން ލަސްވެ އަދި ލިބޭނެ ދުވަހެއް ނޭނގުމަކީ މަސައްކަތް އެކަމުގެ އަސަރު ކުރާ ކަމެއް ކަމަށެވެ. އަދި މިސަރުކާރާއެކު ކޮންމެ އަހަރަކު އަހަރީ ބޯނަސް ދިނުން ލަސްވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. 

ޕޯޓްސްގެ މުވައްޒަފުންނަށް ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އަހަރީ ބޯނަސް ދިނުން 2024 ވަނަ އަހަރު ވެސް ލަސްވެގެން މުވައްޒަފުން ކަންބޮޑުވުންފާޅު ކޮށްފައިވެ އެވެ.

މީގެ ކުރިން ކޮންމެ އަހަރެއްގެ ވެސް އޯގަސްޓު މަހުގެ ކުރިން އަހަރީ ބޯނަސް ދެ އެވެ. 

2024 ވަނަ އަހަރުގެ އަހަރީ ބޯނަސް ދިނުން ލަސްވެފައިވާއިރު، އެމްޕީއެލް އަށް 2024 ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ އިތުރުވީ ނަމަވެސް، އެ ކުންފުނީގެ ސާފު ފައިދާ ދަށްވެފައިވާ ކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ވަނީ ދައްކާފަ އެވެ. 

އެމްޕީއެލްގެ 2024 ވަނަ އަހަރުގެ ރިޕޯޓުން ދައްކާ ގޮތުގައި އެ އަހަރު އެ ކުންފުންޏަށް 860 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. އެހެނިހެން އާމްދަނީގެ ގޮތުގައި 152.3 މިލިއަން ރުފިޔާ ލިބުނެވެ. 2024 ލިބުނު އާމްދަނީ އަކީ އޭގެ ކުރީ އަހަރަށް ވުރެ 67 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ނަމަވެސް އެހެނިހެން އާމްދަނީގެ ގޮތުގައި ލިބުނު އަދަދު އޭގެ ކުރީ އަހަރަށް ވުރެ 54.6 މިލިއަން ރުފިޔާ މަދެވެ.

އާމްދަނީ އިތުރުވީ ނަމަވެސް މުވައްޒަފުންގެ ހަރަދާއި އެހެނިހެން ހިންގުމުގެ ހަރަދުތައް އިތުރުވުމާ ގުޅިގެން ހިންގުމުގެ ހަރަދުތައް ކެނޑުމަށް ފަހު ބާކީވީ އަދަދު ވަނީ 80.7 މިލިއަން ރުފިޔާ މި ވަނީ 20 މިލިއަނަށް ދަށްވެފަ އެވެ. 

މީގެ އިތުރުން މިފަހުން އެމްޕީއެލުން ވަނީ އެކުންފުނީގެ، މެންޑިޑޭޓުން ބޭރުން އެމްބިއުލެންސް ގެނައުމަށް ނިންމާފަ އެވެ. ހެލްތް މިނިސްޓްރީން ގެނައުމަށް ނިންމާފައިވާ 56 އެމްބިއުލާންސްގެ ތެރެއިން 18 އެމްބިއުލާންސެއް ގެންނަ ކަމަށް އިއުލާން ކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ވެސް އެމްޕީއެލްއަށް އަމާޒުވެފައިވެ އެވެ.