ދުަވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި އެވެ.

ސަރުކާރުން ގާނޫނަށް ގެންނަ ބަދަލު ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.

ބިލު ހުށަހެޅި ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެ ކަން ކަނޑައެޅުން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ހުށަހަޅުއްވާ ބިލުގައި އިތުރަށް ބުނެފައިވަނީ ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެ ކަން ކަނޑައެޅުމަށާއި، ޓާރިމިނަލް އިލްނެސް ގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނޫގައި ކަނޑައެޅުމާއި، ހައްޖުވުމަށްޓަކައި ކުރިއާލާ ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.