އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ މުޖުތަމަޢުގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބިގެން ކަމަށް  ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބޭނެ ފުރުސަތުތައް ފަހިވެފައި އޮންނަން ޖެހޭ ކަމަށެވެ. 

 އެމަނިކުފާނު ވަނީ ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ފަރާތްތަކަށް އުނގެނުމުގެ ފުރުސަތުތަކާއި، އަމިއްލަ މިނިވަންކަން އޮންނަން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. އަދި އިންސާނީ ކަރާމާތް ކަށަވަރުކޮށްދިނުމުގައި ބްރެއިލް އަދާކުރި މުހިންމު ދައުރަށް އެ މަނިކުފާނު ވަނީ އަލިއަޅުވާލައްވާފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އެންމެން ޝާމިލުވާ މުޖުތަމަޢެއް ބިނާ ކުރެވޭނީ އެ މުޖުތަމަޢެއް ގެ ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތާއި ހަމަހަމަ ފުރުސަތުތައް ލިބިގެން ކަމަށެވެ.

މީގެ އިތުރުން ސަރުކާރު ގެ ސިޔާސަތުތަކާއި، ނިންމާ ކޮންމެ ނިންމުމެއްގައި ވެސް އެންމެން ގެ ބައިވެރިވުން ޝާމިލުވާ، އަދި އެއްވެސް މީހަކު ބާކީ ނުވާނެ ފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަށްކުރެއްވުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފަ އެވެ. 

ދުނިޔޭގެ ބްރެއިލް ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ހިއްސާކުރެއްވި މެސެޖްގައި ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހިތްވަރާއި ކެތްތެރިކަމަށްޓަކާ ހިތްވަރުދެއްވި އެވެ. އަދި އެފަރާތްތަކުގެ ދިރިއުޅުމުގައި ބްރެއިލް ނިޒާމު އަދާކުރާ މުހިންމު ދައުރު ސާޖިދާ ވަނީ ފާހަގަކުރައްވާފަ އެވެ.

ޢިލްމު އުނގެނުމަކީ ވަކި ބަޔަކަށް ލިބިގެންވާ އިމްތިޔާޒެއް ނޫންކަމަށާއި، އެއީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއްކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ. 

މީގެއިތުރުން، މުޖުތަމަޢުގެ އެންމެހައި ފަރުދުންގެ މެދުގައި އޯގާތެރިކަމާއި އަޅާލުން އިސްކުރުމަށް ގޮވާލައްވައި، ކޮންމެ ފަރުދަކީވެސް މުޖުތަމަޢުގައި އަގުވަޒަންކުރެވޭ، އެހީތެރިކަން ލިބޭ، އަދި ބާރުވެރި ފަރުދެއްކަމުގެ އިޙްސާސް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެއްވުމަށް އެކަމަނާ ބާރުއަޅުއްވާފައިވެ އެވެ.