ގޮދޮރުވެރިޔާގެ ފްލެޓުތަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދައްކަންޖެހޭ ބިލުގެ ފައިސާ ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލަ ބޮޑު ވެއްޖެ އެވެ. 

ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި
ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން މީހަކު ބުނީ، ފްލެޓަށް ވަނުމަށް ތަޅުދަނޑި ދިން ނަމަވެސް ތަކުލީފުތައް ވަރަށް ބޮޑު ކަމަށެވެ. އެމީހާ ބުނީ އެފްޑީސީން ތަޅުދަނޑި ހަވާލުކުރީ 28 ޑިސެންބަރު 2025 ގައި ކަމަށާއި، 29 ޑިސެންބަރު 2025 ގައި ފެނާއި ކަރަންޓު ކަނޑާލާފައިވާ ކަަމަށެވެ. 

އެކަމުގެ ޝަކުވާ ކުރުމުން ބިލް ނުދައްކާތީ ޚިދުމަތް ކަނޑާލާފައިވާ ކަމަށް ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީން އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. ފްލެޓަށް ވަނުމުގެ ކުރިން ބޭނުންވާ ކޮށްފައިވާ ފެނާއި، ކަރަންޓަށް ބިލު ދައްކާނީ އެފްޑީސީން ކަމަށް ބުނުމުން ވެސް ޚިދުމަތް ގުޅައި ދީފައިނުވާ ކަމަށް އޭނާ ބުންޏެވެ.

މި ޝަކުވާ ކުރާތާ ހަފްތާއެއް ވެފައިވާކަން ފާހަގަކޮށް އެމީހާ ބުނީ، ސްޓެލްކޯ އަދި އެމްޑަބްލިޔުއެސްސީން އަށް ދިޔަ ނަމަވެސް ހައްލެއް ނުލިބޭ ކަމަށާއި، ފޯނުން ގުޅައިގެން ވާހަކަ ދައްކާ މުވައްޒަފު ވެސް މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް ނުވާ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް މި މައްސަލަ އަށް ހައްލު ހޯދައިދިނުމަށް ގުޅާނެ ކަަމަށް ބުނުމަށްފަހު ނުގުޅާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ގެދޮރުވެރިޔާ ފްލެޓުތަކުން ބިލު ނުދައްކާތީ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ބައެއް ފްލެޓުތަކަށް 5000 ރުފިޔާއަށް ވުރެ މަތިން ބިލް ކޮށްފައިވެ އެވެ. 

ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި

ގެދޮރުވެރިޔާ ފްލެޓުން ކަރަންޓު ކަނޑާލާފައި

އެފްޑީސީން ދައްކަން ޖެހޭ ބިލުގެ ފައިސާ ނުދައްކައިގެން ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާ މައްސަލައާ ގުޅިގެން އެ ކޯޕްރޭޝަންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.  

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ނިންމާފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ދެ އަހަރަށް ވުރެ ގިނަ ދުވަހު ދޫނުކޮށް މި ސަރުކާރުން ވަނީ ހިފަހައްޓާފަ އެވެ. ގިނަ ބައެއްގެ ފާޑު ކިޔުމާއި އަދި ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކާ ގުޅިގެން ފްލެޓުތައް ދޫކުރުމުގެ މަސަައްކަތް ފެށި ނަމަވެސް ފްލެޓުތައް ހަވާލު ކޮށް ނިންމަން ކަނޑައެޅި އެއްވެސް ތާރީޚަކަށް ފްލެޓުތައް ހަވާލު ކޮށް ނިމިފައިނުވެ އެވެ. އެންމެފަހުން ސަރުކާރުން ބުނެފައިވަނީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ފްލެޓެއްގެ ތަޅުގަނޑި ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް މިކަން ވެސް ކުރެވޭނެ ކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.