މާލެސިޓީގައި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ތަރައްގީ ކުރުމަށް ނިންމި ދެ ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ފެށުމަށް ދިން ހުރިހާ ތަރީޚެއް ފަހަނަ އަޅާ ގޮސްފި އެވެ. 

މި ސަރުކާރުން ވަނީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އަދި ހުޅުމާލެ ފޭސް-2 ގައި ތެލެސީމިއާ ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ނިންމާފަ އެވެ. 

ރިޔާސީ ބަޔާން 2025 އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ސްޓޭޓް އޮފް ދި އާރޓް ތެލެސީމިއާ ހޮސްޕިޓަލެއް، އެކޮމޮޑޭޝަން ބްލޮކާއެކު އެޅުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ބާރު ސްޕީޑް ގައި ކުރިއަށްދާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ އަމަލީ މަސައްކަތް، ހުޅުމާލޭގައި އެ މަޝްރޫއަށް ޚާއްސަ ކުރެވިފައިވާ ބިމުގައި 2025 ނިމުމުގެ ކުރިން ފަށާނެ ކަމަށެވެ. 

ނަމަވެސް 2025 ވަނަ އަހަރު ނިމިގެން ދިޔައިރު އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

ހުޅުމާލެ ފޭސް-2 ގައި 72،000 އަކަފޫޓުގެ ބިމެއް ހަމަޖައްސާ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 15 އޮކްޓޫބަރު 2024 ގައި ތެލެސީމިއާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މެނޭޖްމަންޓް މާސްޓަރ ޕްލޭން އިފްތިތާހް ކުރުމަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ބޭއްވުނު ބޮޑު ރަސްމިއްޔާތެއްގަ އެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އާއި މެލޭޝިއާގެ މެޑޯ އޭޝިއާ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސްޓުއާޓް ޖޭ ވެނަރ ޕެކް އާއި ޗިން ހިން އިންޖީނިއަރިން ގްރޫޕްގެ ސީއީއޯ ރޮޖަރ ލިމް ސްވީކިއެޓް އެވެ. އަދި ސައިނޯމާ އިންޖީނިއަރިންގ އިންޑަސްޓްރީގެ މެނޭޖިންގ ޑިރެކްޓަރު ލިއު ޓާއޯ އެވެ.

މީގެ އިތުރުން ވިލިމާލޭގައި ތަރައްގީ ކުރަން ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލާ ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު ވަނީ ދީފަ އެވެ. 2024 ވަނަ އަހަރުގެ ތެރޭގައި ވެސް އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް  މިސަރުކާރުން ބުނެފައިވެ އެވެ. 

ރިޔާސީ ބަޔާން 2025 އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ހޮސްޕިޓަލުގެ ދަތިކަން ހައްލު ކުރުމަށް، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ވެސް 2025 ގައި ފެށޭނެ ކަމަށެވެ. 

އޭގެފަހުން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ވިލިމާލެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށާއި، ފަންޑިންގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

ރައީސް ވަނީ ރިޔާސީ އިންތިޚާބު ގައި ވިލިމާލެއަށް ވެފައިވާ ވައުދުތައް ހަނދާން ނައްތާނުލައްވާ ކަމަށާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް 2025 ވަނަ އަހަރު ނިމިގެންދިޔައިރު ވެސް މި ހޮސްޕިޓަލް ގެ އަމަލީ އެއްވެސް މަސައްކަތެއް ފެށިފައިނުވެ އެވެ.

މި ހޮސްޕިޓަލްތަކުގެ އަމަލީ މަސައްކަތް ފެށިފައި ނުވާތީ ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފަ އެވެ. އަދި ހެލްތް މިނިސްޓަރު ނާޒިމް އަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ދެއްވާފަ ނުވެ އެވެ.