ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "ތަރުޖަމާނާ އެކު" ނަމުގައި ފެށި ޕޮޑްކާސްޓަށް އާންމުންގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ. 

ރައީސް އޮފީހުން ތައްޔާރުކޮށް ގެނެސްދޭ، ތަރުޖަމާނު ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑު މިދިޔަ ހޮނިހިރު ދުވަހު ދައްްކާފައިވާއިރު ގިނަބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައި ބައެއް އާންމު ފަރާތްތަކުން ބުނަނީ ބޮޑު ވައްކަމެއް ކުރި ކަމުގެ ތުހުމަތު އެންސްޕާ ގެ ބޮލުގައި އެޅިފައިވާއިރު ހީނާ ޕޮޑްކާސްޓުތަކަށް އަރައިގެން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށެވެ. 

އަދި ހީނާ ގެ މައްސޫލިއްޔަތަކީ ޕޮޑްކާސްޓުތައް ގެނެސްދިނުން ނޫން ކަން ފާހަގަ ކޮށް ސޯޝަލް މީޑިއާގައި މީހަކު ބުނީ ފެއިލްވެފައި ތިބި ބަޔަކު ކަންކަން ކުރެވޭ ކަމަށް ދައްކަން އުޅުނަސް އެކަން ރައްޔިތުން ގަބޫލެއް ނުކުރާނެ ކަމަށެވެ. އަދި އެ ޕޮޑްކާސްޓުގެ ފުރަތަމަ އެޕިސޯޑް ގައި ބައިވެރިވި މިނިސްޓަރު ސައީދު އަށް އަމާޒުކޮށް އޭނާ ބުނީ އެމެރިކާ ޑޮލަރެއްގެ އަގު ހުރީ 20 ރުފިޔާ އިން މަތީގައި ކަމަށެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމަށް ނުވަތަ ތަރުޖަމާނަކަށް ހީނާ ވަލީދު އައްޔަން ކުރައްވާފައިވަނީ 23 އޭޕްރީލް 2024 ވަނަ ދުވަހު އެވެ. އެއީ ވެސް އެ މަގާމު ހުސްކޮށް އޮންނަތާ 4 މަހަށް ވުރެ ގިނަ ދުވަސްވީ ފަހުންނެވެ. ތަރުޖަމާނެއް އައްޔަން ކުރެއްވީ ނޫސްވެރިން ކުރާ ސުވާލުތަކާ މީޑީއާތަކުން ބޭނުންވާ މައުލޫމާތު ހާމަ ކޮށްދިނުމަށެވެ. ނަމަވެސް މިސަރުކާރުގެ ތަރުޖަމާން ހިނާ ފެނިގެންދަނީ ނޫސްވެރިންނާ މީޑިއާތަކާ ދުރު ބޭކަނބެލެއްގެ ގޮތުގަ އެވެ.

އެންމެފަހުން ތަރުޖަމާން ހީނާ ނޫސްވެރިންނާ ބައްދަލުކުރައްވާފައިވަނީ 29 މެއި 2024 ގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު 5 ޑިސެންބަރު 2023 ގައި ނޫސްވެރިންނާ ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނާ ބައްދަލުނުކުރައްވާތީ މައުލޫމާތު ހާމަކުރުމުގެ ސިޔާސަތަށް ބަދަލުތަކެއް އައިތޯ ނޫސްވެރިން ސުވާލުކޮށްފައިވެ އެވެ. 

މިކަމާއި ގުޅިގެން، ނޫސްވެރިންގެ ބައްދަލުވުމެއް އޮންނާނެ ތާރީހެއް އޮޅުން ފިލުވާލުމަށް ރާއްޖެ އެމްވީ އިން ހީނާ އަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. ރައްޔިތުންނާ ގައުމާ ގުޅުންހުރި ގިނަ ކަންކަމުގައި ސުވާލު ކުރުމުން ސީން ޒޯން ކުރުމުން ގައުމުދާ މިސްރާބާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާނެ ކަމާމެދު ޝައްކަތްނެތެވެ. ސީން ޒޯން ކުރުމުން އިތުބާރު ގެއްލުން ނޫން ކަމެއް ނުވާނެ އެވެ.