އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓަރ 1" ގެ ޕްރިމިއަރ އަށް އިންޑިއާ ގެ ފިލްމީ ތަރި އެއް ކަމަށްވާ ސުރުޖާ ސިކާ ދާސް، ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ. 

ފިލްމު ޕަރީ
ފިލްމު ޕަރީ

ޕަރީ ގެ ޓީމުން ބުނީ މި ފިލްމު ގެ ޕްރިމިއަރ ގައި ބައިވެރިވުމަށް ސުރުޖާ ރާއްޖެ އައުމަށް ހަމަ ޖެހިފައި ވަނީ މި މަހުގެ 5 ވަނަ ދުވަހު ކަމަށެވެ. 

ސުރުޖާ އަކީ އިންޑިއާގެ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ އުންމީދީ އެއް ތަރި އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ޒޮމާޓޯ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ އިޝްތިހާރުތަކުން ފެނިގެން ދިއަ ސުރުޖާ ވަނީ ޓީވީ ޑްރާމާ ތަކާއި ވެބް ސީރީޒްތަކުގައި ވެސް އޭނާ ގެ ހުނަރު ދައްކާލާފަ އެވެ.

ސުރުޖާ ގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި 2025 ވަނަ އަހަރު ނުކުތް ފިލްމު “މާ” ހިމެނެ އެވެ. މިއީ އޭނާ ބޮލީވުޑްގެ ބޮޑު ސްކްރީނަށް ތައާރަފްވި ފިލްމެވެ. މީގެ އިތުރުން މަޝްހޫރު ޓީވީ ސީރީޒް “ބަޅޭ އައްޗޭ ލަގްތޭ ހޭ 3 “ ގައި ނެގަޓިވް ރޯލެއް ކަމަށްވާ "ޝްރެޔާ" ގެ ބައި އޭނާ ވަނީ ވަރަށް ފުރިހަމައަށް ކުޅެފަ އެވެ.

މިހާތަނަށް އޭނާ ވަނީ އިންޑިއާގެ ފިލްމީ ދާއިރާގެ ފުންނާބު އުސް ފަރާރްތަކާ އެކު މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފިލްމު "މާ" ގައި މަޝްހޫރު ބަތަލާ ކާޖޮލް އާއެކު އޭނާ ފެނިގެންދިޔައިރު، އެ ފިލްމަކީ އަޖޭ ދޭވްގަންގެ ޕްރޮޑަކްޝަން ހައުސްއިން އުފެއްދި ފިލްމެކެވެ. މީގެ އިތުރުން އަނަންޔާ ޕާންޑޭ، ވިރް ދާސް، އަދި ނަކުލް މެހެތާ ފަދަ ތަރިންނާއެކުވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ.

ސްރީލަންކާގެ ހިތްގައިމު އަދި ނާމާން މާހައުލުތަކުގައި ޝޫޓްކޮށްފައިވާ މި ފިލްމު ސިނަމާއަށް އަންނާނީ އަންނަ ޖެނުއަރީ މަހުގެ 7 ވަނަ ދުވަހު އެވެ. މިއީ ދިވެހި ސިނަމާގެ ތަޖުރިބާ މުޅިން އެހެން ހަރުފަތަކަށް ގެންދާނެ ފިލްމަކަށް ވާނެކަމާމެދު ޝައްކެއް ނެތެވެ.

އިންޑިއާގެ ފިލްމީ ތަރިއެއް ދިވެހި ފިލްމެއްގެ ޕްރިމިއަރ ހަފްލާގައި ބައިވެރިވުމަކީ ދިވެހި ފިލްމީ ސިނާއަތަށް ލިބޭ ކުރިއެރުމެއް ކަމަށް ފިލްމީ ދާއިރާގެ ފަރާތްތަކުން ދެކެ އެވެ. މިއީ ދިވެހި ފިލްމުތަކަށް ބައިނަލްއަގްވާމީ ސަމާލުކަން ލިބިގެންދާނެ ފުރުސަތެއް ކަމަށް ވެސް ބެލެވެ އެވެ.

މި ފިލްމަކީ އަހުމަދު އަހުސަން އާއި އަލީ ސީޒަން ޕްރޮޑިއުސްކުރާ ފިލްމަކަށް ވާއިރު، ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ އަލީ ސީޒަން އެވެ.

މި ފިލްމުގެ ޓްރެއިލާ ރިލީޒް ކޮށްފައިވާއިރު ސީޒަން ބުނީ މިހާތަނަށް ޓްރެއިލަރ އަށް ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށާއި މިއީ މުޅި ކެރިއަރ ގައި ވެސް މިހާތަނަށް އެންމެ ގިނަ މީހުންގެ މިހާ ބޮޑު ސަޕޯޓެއް ލިބުނު ޓްރެއިލަރ ކަމަށެވެ. އަދި މި ފިލްމް ވެގެންދާނީ ފަހުގެ ތާރީހުގައި ދިވެހި ސިނަމާ އަށް، ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ އެންމެ ތަފާތު ބޮޑު ބިރުވެރި ފިލްމަށް ކަމަށެވެ.

މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ މޮޅު ހުނަރު ފެނިގެންދާ މި ޓްރެއިލަރ އިން ބިރުވެރި ކަންތައްތަކެއް ހިންގާ އެންމެން ހާސްކަމެއްގެ ތެރޭގައި ތިބޭ މަންޒަރު ފެނެ އެވެ.

އަވަށްޓެރި ސްރީލަންކާގައި 99 އިންސައްތަ ޝޫޓް ކޮށްފައިވާ މި ފިލްމަކީ ބެލުންތެރިންނާއި ހަމައަށް ގެނެސްދޭ ވަރަށް ވެސް ތަފާތު ފިލްމަކަށް ވާއިރު މިއީ މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ ފިލްމެކެވެ. 

މި ފިލްމަކީ ސްރީލަންކާގެ ޝޫޓިންގ ކުރޫ އަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ފިލްމަކަށްވާއިރު، މޭކަޕް އިފެކްޓްކްސް ވެސް ގެނެސްފައިވަނީ ސްރީލަންކާގެ ކުޅަދާނަ ފަރާތްތަކުންނެވެ.

ފިލްމު ޕަރީ

ފިލްމު ޕަރީ

ފިލްމުގެ ކާސްޓުންނަކީ ފިލްމް ޝައުގުވެރިކޮށްދޭ އަނެއް ސަބަބެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބް، ރިޝްމީ ރަމީޒް، އައިޝަތު ލަމްސާ ލަތީފް، ޖުމައްޔިލް ނިމާލް، މުހައްމަދު ނައުޝާދު އަލީގެ އިތުރުން އަލީ ސީޒަން ފަދަ މޫނުތައް ފާހަގަކޮށްލެވެ އެވެ. ފިލްމްގެ ކާސްޓުންގެ ގޮތުގައި ތިބީ ދިވެހިންގެ ތަރުހީބު ލިބިފައިވާ ކުޅަދާނަ ފަންނާނުން ކަމަށް ވުމާއި އެކު މި ކާސްޓާއި އެކު ޕަރީ ފިލްމް ދިވެހިންނާއި ހަމައަށް އަންނާނެ އިރެއްގެ އިންތިޒާރުގައި މިހާރުވެސް ސިނަމާ އަށް ލޯބިކުރާ އެތައް ބަޔަކު ތިބިކަން ފާހަގަކޮށްލެވެ އެވެ.

ޕަރީގެ ޓީމުން މައުލޫމާތުދިން ގޮތުގައި މި ފިލްމުގެ ސަބްޓައިޓަލް ވެސް އިނގިރޭސި ބަހުން ގެނެސްދޭނެ އެވެ.

އޮލިމްޕަހުގެ ޓިކެޓް ކައުންޓަރ ނަންބަރު 9331242 އިން ޓިކެޓް ލިބެން ހުންނަ ދުވަސްތަކުގެ ފަހުގެ މައުލޫމާތު ލިބޭނެ ކަމަށާއި، މިފިލްމު އަތޮޅު ތެރޭގެ ރަށްރަށުގައި ސްކްރީން ކުރަން ބޭނުންވާ ފަރާތްތަކުން 9331243 އަށް ގުޅުއްވުމަށް ޕަރީގެ ޓީމުން ވަނީ އެދިފަ އެވެ.