އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އިން ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.

އެމްޑީޕީ އިން ބުނީ މި ސަރުކާރުގެ ދައުރު ފެށުމާއެކު، ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވައިލައި، އިދާރީ ހިންގުމުގެ ބާރުތައް ވުޒާރާތަކަށް ޖަމާކުރަން ފަށައިފަވާ ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ތުޅާދޫގައި ބިނާކޮށް ނިންމައިފައިވާ 100 ހައުސިންގ ޔުނިޓު، އޭގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތްތައް ރަށު ކައުންސިލުން ކުރަމުން ދަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެ މަސައްކަތް ހުއްޓުވައިފައިވާ ދަނޑިވަޅެއްގައި އެ ހައުސިންގ ޔުނިޓުތައް ހަވާލުކުރުމުގެ އިދާރީ މަސައްކަތްތައް ސަރުކާރުން ކޯޓު އަމުރާ ޚިލާފަށް ކުއްލިއަކަށް ހައުސިންގ މިނިސްޓްރީގެ ދަށަށް ނަގައިފައި ކަމަށް ވެސް އެ ޕާޓީ އިން ބުންޏެވެ.

އޭގެ އިތުރުން އެ ހައުސިންގ ޔުނިޓުތައް ދޫކުރުމަށް ރަށު ކައުންސިލު ގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މިނިސްޓްރީ އިން އުސޫލެއް އާއްމުކޮށް، އަންނަ އޭޕްރިލް މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހައުސިންގ ޔުނިޓުތަކަށް އެދި ހުށަހެޅުމަށް ހުޅުވައިލުމަކީ ސީދާ ގާނޫނޫ އަސާސީ އާއި ލާމަރުކަޒީ ގާނޫނާ ޚިލާފަށް އަދި ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ.

އެމްޑީޕީ އިން ބުނީ މިއީ ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަކަރުވެރި ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަންކަން ކަމުގައި ވާތީ، އެ ކަންކަން ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާ ކަމަށެވެ.

އަދި، ސަރުކާރުގެ މި އަމަލުތައް ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް ގޮވައިލައި ކަމަށާއި އެ މަސައްކަތުގައި އެމްޑީޕީ ގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވެސް އެމްޑީޕީން ބުނެފައި ވެ އެވެ.