ކުޅުދުއްފުށި ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ނިމިދިޔަ އެމް.ޑީ.ޕީ ސަރުކާރުން ފެށި އައު އިންޖީނުގޭގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރާ ގާތްވެފައިވާތީ އެ ސިޓީގެ ރައްޔިތުންނާއި ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ކުޅުދުއްފުށީގައި 25 މެގަވޯލްޓްގެ ކަރަންޓް އުފެއްދުމުގެ ޤާބިލްކަން ހުންނާނެހެން ފެށި މި މަޝްރޫޢުގެ ބޮޑުބައި ވަނީ ނިންމާލާފައެވެ. އަދި ސަރުކާރު ބަދަލުވިއިރު، އިންޖީނުގެ އިމާރާތުގެ ގާތްގަނޑަކަށް 80 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، އިމާރާތުގެ ފުރާޅަށް ބޭނުންވާ ޓިނުވެސް ހުރީ ސައިޓަށް ގެނެސްފައެވެ.
ނަމަވެސް، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައިފަހުން މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ. އަދި އެ އިމާރާތް ހިޔާނުކޮށް ގިނަ ދުވަސްތަކެއް ވަމުންދާތީ، އަގުބޮޑު ތަކެއްޗާއެކު މުޅި އިމާރާތް ވީރާނާވަމުންދާ ކަން ފާހަގަކޮށްލެވެއެވެ.

ކުޅުދުއްފުށީގެ އައު އިންޖީނުގޭގެ މަސައްކަތް ހުއްޓި، އިމާރާތް ވީރާނާވަނީ
މި މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު ޢާޠިފް 'ރާއްޖެ އެމްވީ' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, މި މަޝްރޫޢު އަކީ ކުރިން ފެނަކަ ކޯޕަރޭޝަންގެ އިންޓާނަލް މަޝްރޫޢެއްގެ ގޮތުގައި އެ ކުންފުންޏަށް ކޮންޓްރެކްޓް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށެވެ.
ސަރުކާރު ބަދަލުވުމުން އެ މަޝްރޫއު ހުއްޓިފައިވާކަމުގެ ކަންބޮޑުވުން އެތައް ފަހަރެއްގެ މަތިން ފެނަކައިގެ އިސްވެރިންނަށާއި ގުޅުންހުރި ވުޒާރާއަށް ހިއްސާކޮށް އެކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވާ, މަޝްރޫއު ކުރިއަށް ގެންގޮސްދެއްވުމަށް ތަކުރާރުކޮށް އެދިފައިވާނެކަމަށް މޭޔަރ ޢާޠިފް ފާހަގަކުރައްވާފައިވެއެވެ.
"މިއަދާ ހިސާބަށް އައިއިރުވެސް މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ނުކުރޭ. އަދި މި މަސައްކަތް އިތުރަށް ކުރިއަށް ގެންދާނެ ގޮތުގެ އެއްވެސް ތަފްސީލެއް ފެނަކައަށްވެސް އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކަށްވެސް ސާފުކޮށް ވިދާޅުވެެ ނުދެވޭ."މޭޔަރ ޢާޠިފް ވިދާޅުވެފައިވެއެވެ.
ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ކަރަންޓުގެ ޚިދުމަތަށް އެތައް ފަހަރެއްގެ މަތިން ބޮޑެތި ބުރޫތަކެއް އަރާފައިވެއެވެ. މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތަކެއްވަމުންދާއިރު، އައު އިންޖީނުގެ ނިމުމަކީ މި މައްސަލައަށް އޮތް ހަމައެކަނި ދާއިމީ ހައްލު ކަމަށް އެ ސިޓީގެ ގިނަ ބަޔަކު ދެކެއެވެ.