ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެންމެ ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ދިވެހިރާއްޖެ ހުރިހާ ދިމާލަކުން ފެއިލް ކޮށްލާފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

މިސަރުކާރުން ހިންގާ ޖަރީމާތަކާ ގުޅޭގޮތުން ކަންބޮޑުވުންފާޅު ކޮށް ރައްޔިތުންނަށް މައުލޫމާތު ފޯރު ކޮށްދިނުމަށް އެމްޑީޕީން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް އުސޫލުތައް ހަލާކުވެ ފުޑުފުޑު ކޮށްލުމުގެ ފުރުސަތު ރައީސް މުއިއްޒަށް ނުދޭނެ ކަމަށާއި، އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ގިނަ ބޮޑެތި މަސައްކަތްތައް ރައްޔިތުންނާ ގައުމުގެ ހައްގުގައި ކުރިއަށް ގެންދާނެ ކަމަށެވެ. 

އެގޮތުން 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު 17 ވަނަ ދުވަހު އެމްޑީޕީން ބާއްވަން މަސައްކަތް ކުރި ބޮޑު ރެލީ ފަސް ކޮށްފައިވާ ކަމަށާއި، 2026 ވަނަ އަހަރު އެ ހަރަކާތް ކުރިއަށްދާނެ ކަމަށް މެންބަރު މައުރޫފް ވިދާޅުވި އެވެ. 

މެންބަރު މައުރޫފް ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ރައީސް މުއިއްޒު މުޅި ގައުމު ފެއިލް ކޮށްލާފައިވާ ކަމަށާއި، ކުރިއަށް އޮތީވެސް އުދަނގޫ ދުވަސްތަކެއް ކަމަށެވެ.

މިއަދު މިފެންނަނީ 2 އަހަރުގެ ތެރޭގައި ދިވެހިރާއްޖެ ފެއިލް ކޮށްލާފައިވާތަން. އެހެންވީމަ  ދެން ވެސް ހަގީގަތުގައި ރައީސް މުއިއްޒަށް ކޮށްދެވޭނެ އެންމެ ރަނގަޅުގޮތަކީ އިސްތިއުފާ ދީފައި ގެއަށް ވަޑައިގަތުން. އޭރުން އަޅުގަނޑުމެންނަށް މި ދިވެހިރާއްޖެ ސަލާމަތް ކުރެވޭނީ. މިގައުމަށް ހެޔޮ އެދޭ  ބަޔަކާއެކީގައި. 
ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު

މީގެ އިތުރުން މެންބަރު މައުރޫފް ވަނީ ރައީސް މުއިއްޒުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މެންބަރު މައުރޫފް ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު، ރައީސް މުއިއްޒަށް ދިވެހި އެއްވެސް ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭނެ ކަމަށާއި، 2025 ވަނަ އަހަރު ބޯހިޔާވަހި ކަމަށް ޚާއްސަކުރި ނަމަވެސް އެއްވެސް މަސައްކަތެއް ކުރެވިފައިނުވާ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވެ ކުރިއަށް ގެންދާ ރަސްމާލެ މަޝްރޫއަކީ އޮޅުވާލުމެއް ކަމަށާއި، އެއީ ސަރުކާރުން ވައްކަން ކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.