ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ފައިސާ ނަގައި ދިވެހިރާއްޖެއިން ވަޒީފާ ދޭނެކަމަށް ބުނެ ބޮޑު ނެޓްވާރކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ބަންގްލަދޭޝް އަށް ނިސްބަތްވާ މުހައްމަދު ހަނީފް ބަޕަރީ ހައްޔަރު ކޮށްފައިވަނީ ލައިސަންސް ނުނަގާ ވިޔަފާރި ކުރާތީ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.
31 ޑިސެންބަރު 2025 ގައި އޭނާ ގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ. އަދި ކަސްޓޯޑިއަލް ޖަލެއް ގައި ބެހެއްޓުމަށް އަމުރު ކޮށްފައިވެ އެވެ.
ބަންދުގައި ބެހެއްޓުމަށް އަމަރުކުރި ސަބަބުގެ ގޮތުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހެޅިފައިވާ ކަމަށެވެ.
އިންޓެލިޖެންސް މައުލޫމާތުގެ އިތުރުން ފުލުހުންގެ ބަޔާން ހުށަހެޅިފައިވާ ކަމަށާއި، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ފިލާފާނެ ކަމަށް ފެންނާތީ ޖަލުގެ ބަނަދުގައި ބަހެއްޓީ ކަމަށް ކޯޓު އަމުރުގައިވެ އެވެ.
މީގެ އިތުރުން ވެސް 46 އަހަރުގެ މުހައްމަދު ހަނީފް ބަޕަރީ ގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކޮށްފައިވެ އެވެ.
އެގޮތުން ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ރައްޔިތުންގެ އަތުން ފައިސާ ނަގައި ރާއްޖެއިން ވަޒީފާ ދޭނެ ކަމަށް ބުނެ ނެޓްވާރކެއް ހިންގައި މަކަރާއި ހީލަތް ހެދުމުގެ އިތުރުން މަނީ ލޯންޑަރ ކުރާކަމަށް ތުހުމަތުކުރެވޭ ކަމަށް ކޯޓު އަމުރުގައިވެ އެވެ. އޭނާ ރާއްޖެއަށް އަންނަނީ މުޅިން ވެސް ޓޫރިސްޓް ވިސާގައި ކަމަށް އޭނާ ގެ ބަހުން އެނގޭކަން ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ ފުލުުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، މިއީ ގިނަ އަދަދެއްގެ މީހުންގެ ބައިވެރިވުން އޮތްކަމަށް ބެލެވޭ މައްސަލައެއް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެ އެވެ.