މާލެ އާއި ވިލިމާލޭ އިން ބިންތައް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުންތަކުގެ ތެރެއިން ސައްހަ ނޫން ކަމަށް ބެލެވޭ ބިމުގެ އެއްބަސްވުންތަކުގެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލް ގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އޮންލައިން ނޫހަކަށް ބުރާސްފަތި ދުވަހުގެ ރޭ ދެއްވި ބަސްދީގަތުމެއްގައި އާޒިމް ވިދާޅުވީ، މާލެ އާއި ވިލިމާލެ އިން ބިންތައް ދޫކުރުމަށް މާލެ ސިޓީ ކައުންސިލުން ހަދާފައިވާ ބިންތަކުގެ އެއްބަސްވުންތަކާ ގުޅޭ މުހިންމު މައުލޫމާތު ތައް މިހާރު ހާމަކޮށްފައިވާނެ ކަމަށާ، އެގޮތުން އޭގެ ބައެއް އެއްބަސްވުންތަކާއި އޭގައި ހުރި މާއްދާ ތައް ކައުންސިލުން ބެލިއިރު، އޭގެ ތެރޭ ސައްހަނޫން އެއްބަސްވުންތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ބައެއް އެއްބަސްވުންތައް ބެލި އިރު އުފައްދާފައި ހުރި އެއްޗެހި ކަމަށް ފާހަގަކުރެވޭތީ، ޔަގީން ނުވާ މައުލޫމާތުތައް ޕަބްލިކުތެރެއަށް ދޫކޮށްލުމުން އިތުރު މައްސަލަތައް ދިމާވެދާނެތީ، އެފަދަ ހުރިހާ އެއްބަސްވުންތަކެއް މިހާރު ފުލުހަށް ފޮނުވާފައި ވާނޭކަމަށް އާޒިމް ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ ހަތަރެއް ނުވަތަ ތިން އެގްރީމަންޓުގެ މައްސަލަ ފުލުހަށް ފޮނުވާފައި ވާއިރު، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވާ ކަމަށެވެ. ފުލުހަށް ފޮނުވި އެއްބަސްވުންތަކުގެ ތެރޭގައި މާލޭގެ މަސް މާރުކޭޓު އެއްބަސްވުން ވެސް ހިމެނޭކަމަށް އާޒިމް ވިދާޅުވި އެވެ. އެގްރީމަންޓް ތަކުގެ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވައި އެދިފައިވާނީ އެ މައްސަލަތައް ތަހުގީގުކޮށް އެކަމާ ގުޅިގެން އަމަލުކުރަންވީ ގޮތުގެ ލަފާ ދިނުމަށް ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލެ އާއި ވިލިމާލެ އިން ޖުމްލަ 157 ބިން ސިޓީ ކައުންސިލުން ކުއްޔަށް ދީފައި ވާކަމަށާއި، އޭގެ ތެރެއިން 40 ޕަސެންޓު ބިން ކުއްޔަށް ދީފައިވަނީ ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ކަމަށް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލެ ސިޓީ ކައުންސިލުން ވަނީ ހާމަ ކޮށްފަ އެވެ.