ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި ގ. މާވަނި، ޙުސައިން ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި އެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާ އާއި، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
އެ ހުށަހެޅުމާއި ގުޅިގެން ހުކުރު ދުވަހު އެ ކޯޓުން ވަނީ ސަނީ ޢުމަރު ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް ނިންމާ ފައެވެ. މިކަމާއި ގުޅިގެން ސަނީގެ ވަކީލުންނަށް ގުޅުމަށް ރާއްޖެ އެމްވީ އިން ކުރި މަަސައްކަތް ކާމިޔާބުވެފަ އެއް ނުވެ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. ތަޙުޤީޤުގައި ކުރަންހުރި މަސައްކަތަށް ރިޢާޔަތްކޮށް ޕީޖީ އޮފީހުން ވާނީ ޤާނޫނުގައިވާ ގޮތުގެ މަތިން މައްސަލައިގެ ތަޙުޤީޤު މުއްދަތު އިތުރުކޮށްދީފަ ކަމަށް އެ އޮފީހުން ބުނެފައި ވެ އެވެ.
ސަނީ އުމަރުގެ މައްޗަށް ތުހުމަތުކުރެވޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން އޭނާ ހައްޔަރު ކުރީ ޑިސެމްބަރު މަހު ކުރީކޮޅެވެ. އޭގެ ކުރިން، ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވި، އަދި ފިލައިގެން ދާން ދެ ފަހަރަށް އުޅުމުން ވެސް ފުލުހުން ހުރީ ސަނީ އުމަރު ހައްޔަރު ނުކޮށް ދޫކޮށްލާފަ އެވެ. އަދި އެއީ ކީއްވެގެންތޯ ކުރެވުނު ސުވާލަށް ފުލުހުން ޖަވާބެއް ވެސް ނުދެ އެވެ.
ސަނީ އުމަރު އަށް ކުރެވެނީ އޭނާ ގެ އަންހެނުންގެ އާއިލާ އަށް ނިސްބަތްވާ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. މީގެ އިތުރުން ވެސް އިތުރު ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އޭނާ ގެ މައްޗަށް ކުރެވޭ އިރު، އޭގެ ތެރޭގައި 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖަކު ހިމެނެ އެވެ.